އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އައްޑޫގައި ދޮރުން ދޮރަށް

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އައްޑޫގައި ދޮރުން ދޮރަށް

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް އައްޑޫ ސިޓީގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވައި، ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ. 

ފައްޔާޒުގެ މި ހަރަކާތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ކުރިއަށްގެންދަވާ ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެއެވެ. އަށް ދުވަހުގެ މުއްދަތަށް އައްޑޫގައި ކުރިއަށްގެންދަވާ މި ހަރަކާތުގައި ފައްޔާޒުގެ އަރިހުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގެ އިތުރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގައި އައްޑޫގެ އެކި އަވަށްތަކަށް ޒިޔާރަތްކުރައްވައި، އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ފައްޔާޒު ގެންދަވަނީ އޮޅުންފިލުއްވަމުންނެވެ. އެގޮތުން ހިތަދޫ، ފޭދޫ އަދި މަރަދޫގެ ގިނަ ގޭބިސީތަކަށް އެމްޑީޕީގެ ޓީމުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށު ފެންވަރުގައި ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް އާންމުން ވަނީ ހިޔާލު ފާޅުކޮށްފައެވެ.

އައްޑޫގައި ކުރިއަށްގެންދާ މި ހަރަކާތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް އެމްޑީޕީން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. މި ދަތުރުގެ ތެރެއިން އާންމުންނާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ އަޑު އަހައިގެން، “ބޮޑު ބަދަލު” ގެ ނަމުގައި ޕާޓީގެ ސިޔާސަތުތައް އަލުން ބައްޓަންކުރުމެވެ. އަދި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅިފައިވާ ކަންކަން ހައްލުކުރުމަށް ޕާޓީގެ އެތެރެއިންނާއި ބޭރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީއަކީ ތާރީހީ ގޮތުން ވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ސަރަހައްދެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި، ނިމިދިޔަ އިންތިހާބުތަކުގައި ކުރިމަތިވި ނާކާމިޔާބީތަކަށްފަހު، ޕާޓީގެ ހަރަކާތްތައް އަލުން ވަރުގަދަކުރުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށަށް ޒިޔާރަތްކޮށް، އާންމުންނާ ބައްދަލުކުރުމުގެ ހަރަކާތްތައް އެ ޕާޓީން ވަނީ އިތުރުކޮށްފައެވެ. 


ކޮމެންޓް 0