އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ހަރަކާތެއް ބާއްވަނީ

މި ހަރަކާތް އޮންނާނީ އޮކްޓޯބަރު 24 ވަނަ ދުވަހުގެ ހަވީރު.

ފޭދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންތަކެއް. ފޮޓޯ: ފޭދޫ ހެލްތު ސެންޓަރ
ފޭދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންތަކެއް. ފޮޓޯ: ފޭދޫ ހެލްތު ސެންޓަރ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ސ. ފޭދޫ ސިއްހީ މަރުކަޒުން އިންތިޒާމުކޮށްގެން "ޕިންކް ރިބަން ރަން/ވޯކް 2026" ގެ ނަމުގައި ދުވުމާއި ހިނގާލުމުގެ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ފޭދޫ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ގޮތުން، މި ހަރަކާތް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ސ. ފޭދޫ ސިއްހީ މަރުކަޒުންނެވެ.

އުރަމަތީގެ ކެންސަރާއި ދެކޮޅަށް އެންމެން އެކުގައި ދުވެ އެއްބާރުލުން ދިނުމުގެ ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ފިޔާތޮށި ކުލައިގެ ހެދުން ލުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ. އެ ޕޯސްޓަރުގައި ބުނެފައިވާ ގޮތުގައި ފިޔާތޮށި ކުލަ ލުމަށް އެދިފައިވަނީ އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުން ހާމަކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން، އެންމެން ގުޅިގެން މިކަމުގައި ތަފާތެއް ގެނައުމަށް މަސައްކަތްކުރުމަށް ވެސް އެ މަރުކަޒުން އާންމުކުރި މައުލޫމާތުގައި ގޮވާލާފައިވެއެވެ.

Feydhoocancerrunwalkhealth
ކޮމެންޓް 0