ސިއްހަތާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހެލްތު) ގެ ފަރާތުން މަރަދޫ ސިއްޙީ މަރުކަޒަށް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ. މި މަގާމަށް އައްޔަންކުރީ އަބްދުﷲ ނަސީރުއެވެ.

 
މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މަރަދޫ ސިއްހީ މަރުކަޒުން ވަނީ އޭނާއަށް މަރުހަބާ ކިޔައި، ކާމިޔާބީއަށް އެދިފައެވެ. އެ މަރުކަޒުން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މުހިންމު މަސްއޫލިއްޔަތާ ހަވާލުވުމާ ގުޅިގެން އަބްދުﷲ ނަސީރަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ. އަދި އޭނާއާއެކު މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށާއި، އޭނާގެ ލީޑަރޝިޕާއި ތަސައްވުރުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާގެ މަސައްކަތުގެ އާ ސަފުހާގައި ކާމިޔާބީއަށް އެދޭ ކަމަށްވެސް މަރަދޫ ސިއްހީ މަރުކަޒުން ފާހަގަކޮށްފައިވެއެވެ.

މަރަދޫ ސިއްހީ މަރުކަޒަކީ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ މުހިންމު މަރުކަޒެކެވެ.