ވުޒާރާގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއު; މިއަހަރު 800 އަށް ވުރެ ގިނަ މަޝްރޫއު
ކުޅިވަރާ ބެހޭ
ވުޒާރާގެ ތާރީހުގައި ވެސް އެންމެ ގިނަ
މަޝްރޫއު މިއަހަރު ކުރިއަށްދާ ކަމަށާއި، އެގޮތުން 800 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާ
ކަމަށް
ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ
ވަޒީރު ޢަބްދުﷲ
ރާފިޢު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގެ
ދިހަވަނަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިހާރު ކުރިއަށްދާ
800 މަޝްރޫއުގެ ތެރެއިން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
މި ސަރުކާރުގެ ދައުރުގެ ތެރޭގައި ފަށައިގެން މިހާތަނަށް 130 މަޝްރޫއެއްގެ މަސައްކަތް
އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި، އެ ތަންތަނުގެ ބޭނުން ރައްޔިތުން މިހާރު ހިފަމުންދާ
ކަމަށްވެސް ވަޒީރު
ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ
ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ
ޖިމްތަކުގެ އިތުރުން އެކި ކުޅިވަރުތަކަށް ހާއްސަ ކޯޓުތައް ހެދުން ހިމެނެއެވެ.
މިހުރިހާ މަޝްރޫއުތަކުގެ ތެރެއިން 31 އިންސައްތަ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ފެށިފައިނުވީނަމަވެސް ލަސްތަކެއް
ނުވެ އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރާފިޢު ވިދާޅުވިއެވެ.
މަޝްރޫއުތަކުގެ އަދަދު ގިނަވެ، ބަޖެޓުގެ ގޮންޖެހުންތަކެއް
ހުރި ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި ހުރިހާ މަސައްކަތެއް
ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.