ޔޫތު ސެންޓަރުގެ ޖިމަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެޕްލިކޭޝަނެއް ތައްޔާރުކުރަނީ

ޔޫތު ސެންޓަރުގެ ޖިމަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެޕްލިކޭޝަނެއް ތައްޔާރުކުރަނީ

ޔޫތު ސެންޓަރުގެ ޖިމް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޖިމަށް ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. 

މިއަދު 'އައްޑޫޕްލަސް' އާއި ވާހަކަ ދައްކަވަމުން ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒް  ވިދާޅުވީ މި އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭ ހިސާބަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޝިނާޒު ވިދާޅުވީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު އާންމުންނަށް މި އެޕްލިކޭޝަން ބޭނުންކުރަން ފެށޭނެ ކަމަށް އެ ސެންޓަރުން ލަފާކުރެއެވެ. މިހާރު ޔޫތު ސެންޓަރުގެ ޖިމް ބޭނުންކުރާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހައްދަން ޖެހެނީ ސީދާ ސެންޓަރަށް ގޮސްގެން ނުވަތަ ގުޅައިގެންނެވެ. ނަމަވެސް، އާ އެޕްލިކޭޝަނާއެކު މި ނިޒާމު މުޅިން ޑިޖިޓަލްވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ޝިނާޒް ފާހަގަކުރިއެވެ.

އެޕްލިކޭޝަން ތައްޔާރުކުރުމުގެ އިތުރުން، ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، މިހާރު ޔޫތު ސެންޓަރަށް ބެނުންވާ ހާޑްވެއާ ޕްރޮކިއޯ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށެވެ.

“ކުރިއަށް އޮތް ތާނގާއި، ޖިމް ބޭނުންކުރުމަށް އެޕޮއިންޓްމަންޓް ހައްދަން އެޕްލިކޭޝަން މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދަނީ. އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅަށް އެޕްލިކޭޝަން ބޭނުންކުރަން ފެށޭނެ ކަމަށް މި ބަލަނީ،” ޝިނާޒް ވިދާޅުވިއެވެ. 

ޝިނާޒު ވިދާޅުވީ އެޕްލިކޭޝަންގެ ސަބަބުން ޖިމް ބޭނުންކުރާ މީހުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ  ކަމަށެވެ.

 އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިތުރުން، ޖިމްގެ މެންބަރަކަށް ވުމަށް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެއެވެ. “ޖިމްގެ މެންބަރަކަށްވުމުން އެޕްލިކޭޝަން މެދުވެރިކޮށް އެކަން ކުރުމަށް ކުރިއަށްވުރެ ލުއިފަސޭހަވާނެ،” ޝިނާޒު ވިދާޅުވިއެވެ.

ޝިނާޒު ވިދާޅުވި ގޮތުގައި އެޕްލިކޭޝަން ޤާއިމްކުރެވުމުން ވަކި ގަޑިތަކެއްގައި ޖިމްގައި މީހުން ތިބި އަދަދު ވެސް ވަގުތުން ބަލައިލެވޭނެއެވެ. 

"އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން މިސާލަކަށް؛ ރޭގަނޑު 6 އިން 7 އަށް ފުލްވެއްޖެކަން އެޕް މެދުވެރިކޮށް، އެނގެން ހުންނާނެ. މީގެ ސަބަބުން މިހާރަށްވުރެ ފަސޭހަވާނެ. ވަގުތުވެސް ސަލާމަތްކުރެވޭނެ،”

ޝިނާޒް މިފަދައިން ވިދާޅުވިއިރު ހިތަދޫ ޔޫތު ސެންޓަރާއި ޖިމްގެ އިންތިޒާމުތަކާޢި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް 0