އައްޑޫ ސިޓީގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ހިދުމަތް މި ދައުރުގައި ފަށަނީ
ނުރައްކާތެރި ކުނި ނައްތާލުމަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ވަޒީރު އަލީ ޝަރީފް ވަނީ ވިދާޅުވެފަ.
އައްޑޫ ސިޓީގެ ވޭސްޓް ޓު އެނާޖީ ޕްލާންޓުން މި ދައުރުގެ
ތެރޭގައި ހިދުމަތްދޭން ފަށައި، ނުރައްކާތެރި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް
ދާއިމީ ހައްލެއް ގެނެސްދޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގެ
10 ވަނަ ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު
އަލީ ޝަރީފު ވިދާޅުވީ، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ
ވޭސްޓް ޓު އެނާޖީ ޕްލާންޓް މި ދައުރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނެއް ގެނެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ހަރަދުކޮށްގެން 2023 ވަނަ އަހަރު ގާއިމުކުރި މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު
އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. އޭގެ ތެރެއިން އެއް މެގަވޮޓް އައްޑޫގެ
ސެންޓްރަލް ގްރިޑަށް ފޯރުކޮށްދޭއިރު، ބާކީ 500 ކިލޯވޮޓް ބޭނުންކުރާނީ ފެސިލިޓީ ހިންގުމަށެވެ.
މި ޕްލާންޓުގެ މައިގަނޑު މަސައްކަތް ނިމިފައިވީ ނަމަވެސް، އެ ތަން ފުރިހަމައަށް ހިންގުމަށް
ބޭނުންވާ ލޭންޑްފިލް އާއި ކުނި ވަކިކުރާ ނިޒާމު ފަދަ އިތުރު ވަސީލަތްތައް އަބޫދާބީ
ފަންޑުގެ އެހީގައި މިހާރު އަންނަނީ ތަރައްގީކުރަމުންނެވެ.
މިއީ ގައުމީ ފެންވަރުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން
ގެންގުޅޭ ސިޔާސަތުގެ ދަށުން ސަރަހައްދީ މަރުކަޒުތައް ގާއިމުކުރުމަށް ކުރިއަށްގެންދާ
މަސައްކަތެކެވެ. މިފަދަ ފެސިލިޓީތައް އޮޕަރޭޝަނަށް އައުމުން ރަށްރަށުގައި ކުނި
އެންދުން ހުއްޓުމަކަށް އައިސް، ތިމާވެށި ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް
ހާސިލުކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ވޭސްޓް މެނޭޖްމަންޓް
ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން
ވަޒީރު އަލީ ޝަރީފު ވަނީ ކަށަވަރުކޮށްދީފައެވެ. ވަޒީރު ވިދާޅުވީ، އަމާޒަކީ
ވެމްކޯގެ ހިދުމަތް ނެތް ހުރިހާ ރަށަކަށް އެ ހިދުމަތް ވީހާވެސް އަވަހަކަށް
ފޯރުކޮށްދިނުން ކަމަށެވެ.
ވެމްކޯގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށްޓަކައި ދާދި ފަހުން
ވަނީ ކުނި އުފުލާ 22 އުޅަނދެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.