ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ސ. ހިތަދުއަށް ނިސްބަތްވާ 44 އަހަރުގެ އަންހެނަކު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އަންހެން މީހާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތެވެ.

އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާތީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންގޮސްފައިވަނީ އޭނާގެ ގައިރު ހާޒިރުގައެވެ. ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑާއި ބަންދު ރެކޯޑު އޮތް މީހެކެވެ. އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ހުރުމާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކްރިމިނަލް ކޯޓުން ވަނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓަށް ހާޒިރުކުރުމަށް ވެސް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.