މަރަދޫ ސްކޫލުގެ ތަރައްގީއާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ސްކޫލުގެ 4 ވަނަ ބެލެނިވެރިންގެ އާންމު ބައްދަލުވުން 18 އޮކްޓޫބަރު ވީ އާދީއްތަ ދުވަހު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ސްކޫލުގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި ކަންކަން ހުރިގޮތުގެ ތަފްސީލާއި، ދަރިވަރުންގެ އުނގެނުމާ ގުޅޭ މުހިންމު މައުލޫމާތުތައް ބެލެނިވެރިންނާ ހިއްސާކޮށްފައިވެއެވެ. މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، އެ ސްކޫލުން ތައުލީމު ނިންމާ ދަރިވަރުންނަށް ފުރިހަމަ އަދި ފަހުރުވެރި ނަތީޖާއެއް ހޯދައިދެވޭނެ ފަދަ ގާބިލު، ހުނަރުވެރި ޓީމެއް ސްކޫލުގައި އެބައޮތެވެ. އަދި ސްކޫލުގެ ކުރިއެރުމަށް ކުރިއަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ވެސް އޭނާ ވަނީ ބެލެނިވެރިންނަށް އަރުވާފައެވެ.
މީގެ އިތުރުން، މަރަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަކުރުމަށް ރޭވިފައިވާ ހާއްސަ ޕްލޭންތައް ވެސް މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. ސްކޫލުގެ ސެޝަން އިންޗާޖް އާއިޝަތު ލަބީގާ ވިދާޅުވި ގޮތުގައި، ރަން ޔޫބީލް ފާހަގަކުރުމަށް މިއަހަރުގެ ތެރޭގައި ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. ހަމައެއާއެކު، ސްކޫލުގެ ނަމޫނާ ޕީޓީއޭ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކެވިއެވެ.
ސްކޫލުގެ ހުރިހާ ކަމެއްގައި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ މެދުކެނޑުމެއްނެތް އެއްބާރުލުން ފާހަގަކުރައްވައި، ޕްރިންސިޕަލް ވަނީ ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ސްކޫލުގެ އަމާޒަކީ ދަރިވަރުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
