ހިތަދޫ ކެމްޕަހުގެ ނާސިން ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަހުގެ ސްކޫލް އޮފް ނާސިންގެ ދަރިވަރުން ހުވާކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގތޮުގައި ބައިވެރިވެވަޑައިގެންނެވީ މަރަދޫ ސްކޫލްގެ ޕްރިންސިޕަލްއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި ރަސްމިއްޔާތަކީ ދަރިވަރުންގެ ތައުލީމީ އަދި ފަންނީ ހަޔާތުގައި މުހިންމު ލަނޑުދަނޑިއެކެވެ. އަދި މިއީ ނާސިންގެ ދާއިރާގެ އަގުތަކާއި ޒިންމާތަކަށް ދަރިވަރުން ބަހައްޓާ ފަރުވާތެރިކަމާއި، އެ ކުދިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއް ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ހުވާކުރި އަދި އިނާމު ހާސިލުކުރި ހުރިހާ ދަރިވަރުންނަށް އެމްއެންޔޫގެ ސްކޫލް އޮފް ނާސިންއިން ވަނީ މަރުހަބާ ކިޔާފައެވެ.
އެމްއެންޔޫ ހިތަދޫ ކެމްޕަހުން ފާހަގަކުރި ގޮތުގައި، މިއީ ފެންވަރު ރަނގަޅު، އޯގާތެރި އަދި ސިއްހީ ފަރުވާގެ ދާއިރާއަށް ހިދުމަތްކުރާނެ މުސްތަގުބަލުގެ ނަރުހުން ބިނާކުރުމުގައި ޔުނިވާސިޓީން ކުރާ މަސައްކަތާމެދު ފަހުރުވެރިވާކަން ރަމްޒުކޮށްދޭ ހަރަކާތެކެވެ.
ނަރުހުންގެ ގޮތުގައި ހިދުމަތަށް ނުކުންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ހުވާކުރުމުގެ ރަސްމިއްޔާތުތަކަކީ އެމްއެންޔޫގެ އެކި ކެމްޕަސްތަކުގައި ކޮންމެ ސެމިސްޓާއަކާ ގުޅިގެން ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.