"އައްޑޫ ވިމެން އިން އެގްރިކަލްޗަރ" ތަމްރީން ޕްރޮގްރާމް ބާއްވައިފި
މި ޕްރޮގްރާމަކީ އީއެމް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އަންހެނުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނެއް

ބައިނަލްއަގްވާމީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ސޮލިއުޝަންސް ހަބް ގުޅިގެން ކުރިއަށްގެންދިޔަ "އައްޑޫ ވިމެން އިން އެގްރިކަލްޗަރ" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ގޭގައާއި އަމިއްލައަށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. އައްޑޫ ސިޓީ ޑަބްލިއުޑީސީން ބުނި ގޮތުގައި، މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އަންހެނުން އަހުލުވެރިކުރުވުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދިނީ ސޮލިއުޝަންސް ހަބްގެ ޓްރޭނަރު ޒާހިދެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދީފައިވަނީ އީއެމް (އިފެކްޓިވް މައިކްރޯއޯގަނިޒަމްސް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ކުރާނެ ގޮތްތަކެވެ.
ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިއީ އައްޑޫ ސިޓީގައި ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް ޑަބްލިއުޑީސީން ފެށި މަސައްކަތެކެވެ.