އައްޑޫ ސިޓީގައި ޑިޖިޓަލް ހަބެއް ގާއިމުކުރުމަށް، އައްޑޫ ސިޓީ ކައުންސިލާއި އޮކްސިކާ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ކައުންސިލްގެ ފަރާތުންނާއި އޮކްސިކާ ކުންފުނީގެ ފަރާތުން ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެ ސިޓީގައި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ގާއިމުކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުންނަށާއި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އިއުލާނުކޮށްފައެވެ. އޮކްސިކާ ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކުރީ އެ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އިވެލުއޭޓް ކުރުމަށް ފަހުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި ވެސް ޑިޖިޓަލް ވަސީލަތްތައް ކުރިއެރުވުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، މި ޑިޖިޓަލް ހަބް ގާއިމުކުރުމަކީ އެ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.