ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމަށް މަރަދޫ ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ބާއްވައިފި
މި އެސެމްބްލީގައި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އޯގާތެރިކަމަށް ވަނީ އަލިއަޅުވާލާފައި
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ ސްކޫލުގައި މިއަދު ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މަސް ކަމަށް ވުމާއެކު، އެ ސްކޫލުން ބޭއްވި މި އެސެމްބްލީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދަރިވަރުންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށާއި، އޯގާތެރިކަމުގެ އިތުރުން އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަތުމުގެ މައްޗަށެވެ.
މި އެސެމްބްލީގައި މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު އަދި ސްކޫލުގެ ކައުންސެލަރު އައިޝަތު ޝޫރާ ވަނީ ދަރިވަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން، ފާޑުކިޔުމެއް ނެތި އެހެން މީހުންގެ ވާހަކަތައް އަޑުއެހުމަށާއި، އަމިއްލަ އިހުސާސްތައް ފާޅުކުރުމުގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ހަރަކާތާ ގުޅޭގޮތުން މަރަދޫ ސްކޫލުން ބުނި ގޮތުގައި، ކޮންމެ ކުއްޖެއްގެ ވާހަކަތައް ވެސް އަޑުއަހަން ޖެހޭނެ ކަމަށާއި، ކޮންމެ ކުއްޖެއްގެ އިހުސާސްތަކަކީ ވެސް މުހިންމު އެއްޗެއްކަން މި އެސެމްބްލީގެ ޒަރީއާއިން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި އެއްވެސް ކުއްޖަކު އެކަނިވެރިކަން އިހުސާސްކުރަން ނުޖެހޭނެ ކަމަށް ވެސް އެ ސްކޫލުން ބުނެފައިވެއެވެ.
މަރަދޫ ސްކޫލުގެ ތަސައްވުރަކީ ދަރިވަރުންނަށް ފުރިހަމަ އުނގެނުމުގެ ދަތުރު ފުރިހަމަކޮށްދޭ އަރުތަވެރި މަދަރުސާއެއްގެ ގޮތުގައި ނަން ފެވިގެންދިއުން ކަމަށްވާއިރު، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ސްކޫލުން ދެކެއެވެ. މިފަދަ ހަރަކާތްތަކުގެ އަމާޒަކީ ސްކޫލުގެ މާހައުލަކީ ހުރިހާ ދަރިވަރުންނަށް ވެސް ރައްކާތެރި، އަގުވަޒަންކުރެވޭ އަދި އެހީތެރިކަން ލިބޭ ތަނަކަށް ހެދުން ކަމަށް ވެސް އެ ސްކޫލުން ފާހަގަކޮށްފައިވެއެވެ.