އޭއީއެޗުން ދުނިޔޭގެ އެވިޑެންސް-ބޭސްޑް ހެލްތުކެއާ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ދުނިޔޭގެ އެވިޑެންސް-ބޭސްޑް ހެލްތްކެއާ ދުވަސް ފާހަގަކުރުމުގެ ތެރެއިން. ފޮޓޯ: އޭއީއެޗް
ދުނިޔޭގެ އެވިޑެންސް-ބޭސްޑް ހެލްތްކެއާ ދުވަސް ފާހަގަކުރުމުގެ ތެރެއިން. ފޮޓޯ: އޭއީއެޗް

ދުނިޔޭގެ އެވިޑެންސް-ބޭސްޑް ހެލްތްކެއާ (އީބީއެޗްސީ) ދުވަސް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އޭއީއެޗްގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރެވެ.

މި ދުވަހާ ގުޅުވައިގެން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ސިއްހީ ފަންނުވެރިންގެ ފުޅާ ބައިވެރިވުމާއެކު، މައުލޫމާތު މުއްސަނދިކުރުމުގެ ހާއްސަ ސެޝަންތަކަކާއި ކްލިނިކަލް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

އެގޮތުން، އެންމެ ފަހުގެ ހޯދުންތަކާއި ދިރާސާތަކަށް ރިއާޔަތްކޮށް ބަލިމީހުންނަށް ފަރުވާ ދިނުމުގައި ގެންގުޅެންޖެހޭ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. 

މީގެ އިތުރުން، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކުން ކޮށްފައިވާ ދިރާސާތަކާއި ހޯދާފައިވާ ތަޖުރިބާތައް ދައްކުވައިދޭ ޕޯސްޓަރުތަކަކާއެކު ޕްރެޒެންޓޭޝަން ފެއާއެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އީބީއެޗްސީ ނުވަތަ އެވިޑެންސް-ބޭސްޑް ހެލްތު ކެއާ އަކީ ބަލިމީހުންނަށް ފަރުވާދިނުމުގައި، ސައިންޓިފިކް ހޯދުންތަކުން ސާބިތުވެފައިވާ އެންމެ އިތުބާރު ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމުމުގެ ނިޒާމެވެ.

މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ހަމައެކަނި ޒަމާނުއްސުރެ ކުރަމުން އައި ގޮތްތަކަށް ނުވަތަ ޑޮކްޓަރުންގެ އަމިއްލަ ތަޖުރިބާއަށް އެކަނި ބެލުމުގެ ބަދަލުގައި، ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި އެންމެ ނަތީޖާ ރަނގަޅު އަދި ރައްކާތެރި ފަރުވާ ބަލިމީހާއަށް ފޯރުކޮށްދިނުމެވެ. 

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، ބަލިމީހުންނަށް ދެވޭ ސިއްހީ ފަރުވާގެ ކަންކަން ނިންމުމުގައި ސައިންޓިފިކް އަދި އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކުރުމުގެ މުހިންމުކަން ހާމަކޮށްދީ، މިކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް އޭއީއެޗުން މައުލޫމާތުދެއެވެ.

އެ ހޮސްޕިޓަލުން ގަބޫލުކުރާ ގޮތުގައި ކްލިނިކަލް ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިދުމަތުގެ ފެންވަރު ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. 

ކޮމެންޓް 0