ދިރާސާތަކުގެ އަލީގައި ދެވޭ ސިއްހީ ފަރުވާގެ ބިންގަލަކީ އިތުބާރުހުރި ހޯދުންތައް: ސީއީއޯ ޑރ. އަދީލް

ކްލިނިކަލް ނިންމުންތައް އެފަދަ ހެކިތަކުގެ އަލީގައި ނިންމުމަކީ، ބަލިމީހުންގެ ސިއްހީ ހާލަތު ރަނގަޅުވެ، ފަރުވާގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މަގުފަހިވާނޭ ކަމެއް ކަމުގައި ސީއީއޯ ވިދާޅުވި.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު. ފޮޓޯ: އޭއީއެޗް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު. ފޮޓޯ: އޭއީއެޗް

ދިރާސާތަކުގެ އަލީގައި ލިބޭ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ދެވޭ ސިއްހީ ފަރުވާ ފެށިގެން އަންނަނީ އިތުބާރުހުރި ފުރިހަމަ ދިރާސާތަކުން ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ސީއީއޯ މިހެން ވިދާޅުވީ، ދުނިޔޭގެ 'އެވިޑެންސް-ބޭސްޑް ހެލްތު ކެއަރ' (އީބީއެޗްސީ) ދުވަސް ފާހަގަކުރުމުގެ ގޮތުން އޭއީއެޗްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވަނީ، ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ސައިންޓިފިކް ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން، ކްލިނިކަލް ނިންމުންތައް އެފަދަ ހެކިތަކުގެ އަލީގައި ނިންމުމަކީ، ބަލިމީހުންގެ ސިއްހީ ހާލަތު ރަނގަޅުވެ، ފަރުވާގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މަގުފަހިވާނޭ ކަމެއް ކަމުގައި ސީއީއޯ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، އޭއީއެޗްގެ ހިދުމަތްތައް އަބަދުވެސް ބިނާވެގެންދާނީ އިތުބާރުހުރި ހެކިތަކުގެ މައްޗަށް ކަމަށާއި، ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން މެދުކެނޑުމެއްނެތި އައު މަޢުލޫމާތުތައް އުނގެނުމާއެކު، ކޮންމެ ބަލިމީހަކަށްވެސް ރައްކާތެރި އަދި ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީއީއޯ ދެއްވިއެވެ.

'އެވިޑެންސް-ބޭސްޑް ހެލްތު ކެއަރ' ނުވަތަ އީބީއެޗްސީ އަކީ ބަލިމީހުންނަށް ފަރުވާދިނުމުގައި، ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވެފައިވާ އެންމެ ފަހުގެ އިތުބާރުހުރި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކްލިނިކަލް ގޮތްތައް ނިންމުމުގެ ޒަމާނީ ނިޒާމެވެ. 

މި ނިޒާމުގެ މައިގަނޑު ބޭނުމަކީ، ހަމައެކަނި ޒަމާނުއްސުރެ އަމަލުކުރަމުން އައި އާދަކާދަތަކަށް ނުވަތަ ޑޮކްޓަރުންގެ އަމިއްލަ ތަޖުރިބާއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި، ބަލިމީހާއަށް އެންމެ ރައްކާތެރި އަދި އެންމެ އެދެވޭ ނަތީޖާ ނެރެދެވޭނެ ފަރުވާ ކަށަވަރުކުރުމެވެ.

ކޮމެންޓް 0