ރަސްމާލެ މަޝްރޫއަކީ ދިވެހި އިގުތިސާދުގެ މިސްރާބު ބަދަލުކޮށްލާނެ، ދިވެހިންނަށް އެތައް ފައިދާއެއް ކުރާނެ މަޝްރޫއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ހަގީގީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

ރަސްމާލޭގެ 500 ހެކްޓަރުގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހިންގާ މޯލްޑިވް ވޯޓަރ ފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ދިވެހި އިގުތިސާދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައެވެ.

މި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ހަގީގީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ.

ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ޒިންމާދާރުކަމާއެކު އޮޅުންފިލުވަން ބޭނުންވާ ކަންކަން ހުރިކަން ގަބޫލުފުޅުކުރައްވައި، އެއްވެސް ކަމެއް ސިއްރުކުރުމެއްނެތި ސަރުކާރުން ދަނީ ފުރިހަމަ ހާމަކަންބޮޑު ގޮތެއްގައި އެ މައުލޫމާތުތައް ފޯރުކޮށްދެމުންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރަސްމާލެ މަޝްރޫއުގެ އިގުތިސާދީ މަންފާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫއާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން 14،000 ވަރަކަށް ދާއިމީ ވަޒީފާ އުފެދޭނެ ކަމަށާއި، ތަރައްގީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް 0