ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުންތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ވަޑައިގެންފިއެވެ.

އިސްލާމްއާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފައިބާވަޑައިގަތުމުން، މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުހަބާ ދެންނެވުން އޮންނާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ޕްރައިމް މިނިސްޓަރ ހައުސްގައި، މާދަމާއެވެ.

މިހިނގާ އޮކްޓޫބަރުމަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި، މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުންތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.

ކޮމެންޓް 0