ފުލުހުންގެ އިސްވެރިން މީދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ފުލުހުންގެ އިސްވެރިން މީދޫ ކައުންސިލާ ބައްދަލުކުރައްވައިފި

އައްޑޫ މީދޫ ކައުންސިލާއެކު އައްޑުއަތޮޅުގެ ޕޮލިސް ކޮމާންޑަރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފާއި ހުޅުދޫމީދޫ ޕޮލިސް ސަރވިސްގެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ފުލުހުންގެ ފަރާތުން އައްޑޫގައި ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކާއި، ކައުންސިލާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތަކުގެ ތެރޭގައި، މުޖުތަމައުގައި ހުރި މައްސަލަތައް ކަމަށްވާ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކަށް ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް އެހީތެރިވުމާއި، ސްކޫލަށްދާ އުމުރުފުރައިގެ ކުދިންގެ ތެރެއިން ސްކޫލަށް ނުދާ ކުދިންގެ މައްސަލަތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އަދި ރޭގަނޑުގެ ލަސްގަޑިތަކުގައި މަގުމަތީގައި އުޅޭ ކުދިން ފާހަގަކޮށް، އެ ކުދިންނާ މެދު އިސްލާހީ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވެސް ފުލުހުންނާއި ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު، ރަށުގެ ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލިނަގާ މައްސަލަ ހައްލުކުރުމަށް ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާއި އެ ވެލި ގަންނަ ފަރާތްތައް ހޯދައި، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކައުންސިލާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ކޮމެންޓް 0