ކައުންސިލްގެ އޮޑިޓް ރިޕޯޓާ ގުޅޭ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި
އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތަކުން ފެންމަތިވި މައްސަލަތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުންގެ އިދާރާއަށް އަންގައިފައިވާއިރު، އެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.
އައްޑޫޕްލަސްއިން ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، “އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފައިވާ” ކަމަށާއި އަދި “އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ” ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލްގެ އެ އޮޑިޓް ރިޕޯޓްގައިވާ ކަންކަމާ ގުޅިގެން ދެ ކަމެއް ކުރުމަށް ކޮމިޓީން ފާސްކުރިއެވެ. އެއީ އޮޑިޓް ރިޕޯޓްގައި ހުރީ ޖިނާއީ ތުހުމަތުކުރެވޭ ކަންކަމަށް ވާތީ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އެންގުމަށާއި، އޭރު ތިބި ގިނަ ކައުންސިލަރުން އަދިވެސް ކައުންސިލަރުންގެ ގޮތުގައި ތިބުމުން އެކަމުގެ އިންކުއަރީއެއް ހިންގުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އެންގުމަށެވެ.
އޮޑިޓް ރިޕޯޓްތަކުން ފާހަގަވި ކަންކަމުގެ ތެރޭގައި، ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއާއި ކުރިން އޮތް ލޯކަލް ގަވަނަންސް މިނިސްޓްރީން އަންގައިފައިވާ އެންގުންތަކާ ހިލާފަށް 2023 އާއި 2024 ގައި ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން ހިމެނެއެވެ.
މީގެ އިތުރުން، އައްޑޫގެ އެކި އަވަށްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް އިއުލާން ނުކޮށް 166،340 އަކަފޫޓުގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް އިތުރުކޮށްފައިވާ ކަމަށާއި، 162،540 އަކަފޫޓުގެ ބިމެއް އިތުރުކޮށް މީދޫ އާއި ފޭދޫއިން އަށް ބިމެއްގެ ހެޑް ލީޒް ބަދަލުކޮށް، ހިތަދޫއިން ދޫކުރި ބިމަކަށް އިއުލާން ނުކޮށް 3،800 އަކަފޫޓުގެ ބިމެއް އިތުރުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.