ޖީޖީއެސްޓީ އާއި ވިތުހޯލްޑިންގ ޓެކްސް މައްޗަށް؛ ދައުލަތަށް ލިބުނު ޓެކުހުގެ އާމްދަނީ 7 އިންސައްތަ އިތުރު

ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.428 ބިލިއަން ރުފިޔާއަށް އަރާފަ.

މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް
މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޓެކުހުގެ އާމްދަނީ 7 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ)، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގެ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.629 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.026 ބިލިއަން ރުފިޔާއެވެ.

އެގޮތުން، ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.428 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 4.094 ބިލިއަން ރުފިޔާއެވެ.

ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެސް ޖީޖީއެސްޓީ އިން ކަމަށްވުމީ، ރާއްޖޭގެ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކްސްގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.089 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.786 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.014 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.386 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.545 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.965 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ 0.522 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.089 ބިލިއަން ރުފިޔާއަށް އަރާފައެވެ. 

ކޮމެންޓް 0