ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ އަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް މަރުހަބާ ދެންނެވުމަށްޓަކައި ގާޑް އޮފް އޮނަރއެއް ވަނި އަރުވާފަ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަށް، ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުހަބާ
ދެންނެވުމުން އޮތީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް
އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ
ދެންނެވުމަށްޓަކައި ގާޑް އޮފް އޮނަރއެއް ވަނި އަރުވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ
އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ
ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް،
ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި
ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ
އިތުރުން، އެޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ
ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ
ފަހަރެވެ. އަދި، މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުންތަކަކީ މި މުއްދަތުގެ
ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ
ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.
މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި
ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު
ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26
ޖުލައި 1966 ގައެވެ.