ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުހަބާއާއި ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވި.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު އިސްޙާޤް ދާރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިސްލާމްއާބާދަށް ކުރައްވަމުންދާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުޙަބާ ދަންނަވާފައެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާވާ ދަތުރުފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުހަބާއާއި ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް އެބައޮތްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނަކީ އިސްލާމީ އެއް އުސޫލުތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށްވާތީ، އެއީ ގުޅުން ބަދަހިކުރުމުގެ މުހިންމު ބިންގަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ފަހުމުނާމާތަކަކީ ގުޅުން ފުޅާކުރުމަށް ދެ ގައުމުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި، މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުންތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ކޮމެންޓް 0