ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އަދި ހައިކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި، މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުންތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ކޮމެންޓް 0