ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޕާކިސްތާނުގެ ފަސްޓް ލޭޑިއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޕާކިސްތާނުގެ ފަސްޓް ލޭޑިއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، މިއަދު ހަވީރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ރައީސްއާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައި ވަނީ ވަކިވަކީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުހަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. 

އަދި އާންމު ސިއްހަތުގެ ދާއިރާއިން، ހާއްސަކޮށް އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި މަޝްވަރާތައް ބިނާކުރެއްވީ، ތައުލީމު ކުރިއެރުވުމާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާއީ ކަންކަމުގެ މައްޗަށެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ސިއްހީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މިގޮތުން، ތައުލީމާއި އިގުތިސާދީ ބައިވެރިވުމާއި، އިޖުތިމާއީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ގައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމައުތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންރައީސްގެ އަނބިކަނބަލުންފަސްޓް ލޭޑީސާޖިދާ މުޙައްމަދު
ކޮމެންޓް 0