ގަވާއިދާ ހިލާފަށް ހަރުކޮށްފައިވާ ބިލްބޯޑާއި ޕޯސްޓަރުތައް ނަގަނީ
އައްޑޫސިޓީގެ އަވަށްތަކުގައި ގަވާއިދާ ހިލާފަށް ހަރުކޮށްފައިވާ ބިލްބޯޑުތަކާއި ޕޯސްޓަރުތައް ނަގާކަން އައްޑޫސިޓީ ކައުންސިލްއިން އިއުލާންކޮށްފިއެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، އައްޑޫސިޓީގެ އަވަށްތަކުގެ މައިދާންތަކާއި ރަށުތެރޭގައި އާންމުކޮށް ފެންނަ ގޮތަށް، ކައުންސިލުގެ އުސޫލާ ހިލާފަށް ހަރުކޮށްފައިވާ ބިލްބޯޑުތަކާއި ޕޯސްޓަރުތައް އަވަށު އޮފީސްތަކުން ނަގަމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރަށުތެރޭގައި ހަރުކުރާ ޕޯސްޓަރުތަކާއި ދަމާ ބެނާތައް ވެސް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބެހެއްޓުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
އައްޑޫސިޓީ ކައުންސިލްއިން ބުނި ގޮތުގައި، އެކިއެކި ބޭނުންތަކާ ގުޅިގެން އައްޑޫސިޓީގެ އަވަށްތަކުގެ މައިދާންތަކާއި ރަށުތެރޭގައި އާންމުކޮށް ފެންނަ ގޮތަށް ބިލްބޯޑުތަކާއި ޕޯސްޓަރުތައް ހަރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު (ނަންބަރު: 2024/06) ވަނީ 6 އޯގަސްޓް 2024 ގައި އާންމުކޮށްފައެވެ. ނަމަވެސް، އެ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކުން ކައުންސިލުގެ ހުއްދަ ނުހޯދައި މައިދާންތަކާއި ރަށުތެރޭގައި އާންމުކޮށް ފެންނަ ގޮތަށް ބިލްބޯޑުތަކާއި ޕޯސްޓަރުތައް ހަރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އައްޑޫސިޓީގެ އާންމު ތަންތަނާއި މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމާ ބެހޭ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު އައްޑޫސިޓީ ކައުންސިލްގެ ނިންމުމަކުން ފާސްކޮށް، 1 އޮކްޓޯބަރު 2024 އިން ފެށިގެން އެ އުސޫލަށް ވަނީ އަމަލުކުރަން ފަށާފައެވެ.