ފޭދޫގައި ބަނގުރާ 'ފެކްޓަރީއެއް' ހިންގަމުން ދިޔަ މީހަކު ޖަލަށް

ފޭދޫގައި ބަނގުރާ 'ފެކްޓަރީއެއް' ހިންގަމުން ދިޔަ މީހަކު ޖަލަށް

އައްޑޫ ސިޓީ ފޭދޫގައި ބަނގުރާ ކައްކަމުންދިޔަ މީހަކު ފޭދޫ ކޯޓުން ހަތަރު މަހާއި 18 ދުވަހަށް ޖަލަށްލައިފިއެވެ.

މި މައްސަލައިގައި ޖަލަށްލުމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ މުހައްމަދު ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ފޭދޫގައި ބަނގުރާ ކައްކާ ސާމާނު ބަހައްޓައިގެން ފޭދޫގެ ދެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާ ކުޑަ ފެކްޓަރީއެއް ހިންގަމުން ދަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

މި މައްސަލައާ ގުޅިގެން ފޭދޫ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި، މުހައްމަދު ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވަނީ ފޭދޫގެ ދެ ގެއެއްގައި ބަނގުރާ ކެއްކުމަށްޓަކައި ވަކި ނިޒާމެއް ނުވަތަ ސިސްޓަމެއް ގާއިމުކޮށްގެން އެކަން ކުރަމުންދިއުމާ ގުޅިގެންނެވެ. އެ ދެ ގޭގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ބަހައްޓައިގެން އޭނާ އެ މަސައްކަތް ކުރަމުންދިޔަ ކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. މީނާ އާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ކޯޓަށް ހުށަހަޅައިފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން މުހައްމަދު ޝާހިދުގެ މައްޗަށް އުފުލާފައިވަނީ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ. 

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށެއް ކުރުމުގެ މަގުސަދުގައި އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ ބަދަލުގެނެސްފައިވާ އާލާތެއް، ނުވަތަ ކުށެއް ކުރުމަށް އާންމުކޮށް ބޭނުންކުރާ އެއްޗެއް އެފަދަ މަގުސަދެއް އޮތްކަން ބާރުދޭ ހާލަތެއްގައި އަތުގައި ބެހެއްޓުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުން، އޭނާ ހަތަރު މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ފޭދޫ ކޯޓުން ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ފޭދޫ، ކުށްކުރުން، އައްޑޫ ޕޮލިސް
ކޮމެންޓް 0