ނަރުދަމާގެ ނަޖިސް މަގުތަކަށް ބޭރުވާތީ ޒަރީރު ހުށަހެޅުއްވީ ކޯޓަށް މައްސަލަ ހުށަހަޅަން

ނަރުދަމާގެ ނަޖިސް މަގުތަކަށް ބޭރުވާތީ ޒަރީރު ހުށަހެޅުއްވީ ކޯޓަށް މައްސަލަ ހުށަހަޅަން

އައްޑޫ ސިޓީގެ އަވަށްތަކުގެ ނަރުދަމާގެ ނިޒާމަށް ދިމަވެފައިވާ މައްސަލައިގައި ކޯޓަށް ދިއުން ނޫން ގޮތެއް ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާގައި ކައުންސިލަރު  ޒަރީރު ލަފާއަރުއްވައިފިއެވެ. 

އޭނާ މި ލަފާ ދެއްވީ އައްޑޫގެ ނަރުދަމާގެ މައްސަލައިގައި ފެނަކައިން އަމަލުކުރާ ގޮތުން ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް ވިދާޅުވެއެވެ. ކައުންސިލް ޖަލްސާގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ފެނަކައިގެ ނާގާބިލުކަމުން އައްޑޫގެ މަގުތަކުގައި ނަރުދަމާގެ ނަޖިހުގެ ކޯރުތައް ދެމިގެންދާއިރު، އެކަން ހައްލުކޮށްދިނުމަށް ކައުންސިލުން އެދުމުންވެސް ފެނަކައިން އަދި ސަރުކާރުންވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި މުޅި ރަށުގެ ހާލަތު ބަދަލުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން މަސައްކަތްކޮށް އެކަން ދެންނެވި ނަމަވެސް ހައްލެއް ލިބިފައި ނުވާތީ، ޑިސެންބަރު 12، 2025 ގައި ޒަރީރު ހުށަހަޅުއްވައިގެން ފެނަކައާ ދެކޮޅަށް ކޯޓުގައި ދައުވާކުރުމަށް އައްޑޫ ސިޓީ ކައުންސިލްއިން ވަނީ ނިންމާފައިކަން ޒަރީރު ފާހަގަކުރެއްވިއެވެ. 

ޒަރީރު ދެންނެވި ނިންމުމާ އެއްގޮތަށް ކައުންސިލުން ފެނަކައަށް ލީގަލް ނޯޓިސްވެސް ފޮނުވިއެވެ. އެއާއެކު، އެ މައްސަލައިގައި ކައުންސިލާއެކު މަޝްވަރާކުރުމަށް ފެނަކައިން އެދިފައިވެއެވެ. އެހެން ނަމަވެސް ކައުންސިލުން އަދި މައްސަލަ ކޯޓަށް ހުށަހަޅައިފައި ނުވެއެވެ.

އައްޑޫގެ ނަރުދަމާގެ ހިދުމަތާ ގުޅޭ މި މައްސަލަތައް ފެންމަތިވެފައިވާއިރު، ފެނަކައިން ދެމުންދިޔަ އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އޮކްޓޫބަރު 1 އިން ފެށިގެން ހުޅުދޫއާއި މީދޫ ހިމެނޭހެން އެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމާ އެ ކުންފުނިން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.

ކައުންސިލް ބައްދަލުވުމުގައި މޭޔަރު ނިޒާރު މިކަމާއި ގުޅިގެން ވަނީ މިހާރު ފެނަކައިގެ ދަށުން ހިނގަމުން ދިޔަ މަސައްކަތް އެމްޑަބްލިއުއެސްސީއަށް ބަދަލުވެފައިވާއިރު، މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާކަމަށް މައުލޫމާތު ދެއްވިކަން ހިއްސާކުރައްވާފައެވެ. 


ކައުންސިލަރު ޒަރީރު، ހިތަދޫ، އައްޑޫ ސިޓީ ކައުންސިލް
ކޮމެންޓް 0