ހުޅުދޫ ކައުންސިލުން ވީޑިއޯ މުބާރާތެއް ބާއްވަނީ
ނަސްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ މި މުބާރާތުގެ އެއްވަނައަށް 10،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވޭ
އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން
"ފަތަހަލި ވީޑިއޯ މުބާރާތް 2026" ގެ ނަމުގައި ހާއްސަ ލަވަ ވީޑިއޯ މުބާރާތެއް
ބާއްވަން ނިންމައިފިއެވެ.
އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މި މުބާރާތަކީ
ނޮވެންބަރު 3 ގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ
މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި
އާންމުންގެ މެދުގައި ގައުމީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމާއި، ފަންނީ ވާދަވެރި
މާހައުލެއްގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
ހުޅުދޫ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތް ހުޅުވާލާފައިވަނީ
މުޅި އައްޑޫއަށް އަމާޒުކޮށްގެންނެވެ. އެގޮތުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ
އަދި މީދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށާއި، ކުންފުނިތަކަށާއި، ރަޖިސްޓްރީކޮށްފައިވާ
ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމުންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ
ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ
އޮކްޓޫބަރު 30 އިން ފެށިގެން ނޮވެންބަރު 2، 2026 ގެ ނިޔަލަށެވެ.
މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ
އިނާމު ދިނުމަށް ހުޅުދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
- އެއްވަނަ އިނާމު: 10،000ރ. (ދިހަ ހާސް ރުފިޔާ)
- ދެވަނަ އިނާމު: 5،000ރ. (ފަސް ހާސް ރުފިޔާ)
- ތިންވަނަ އިނާމު: 3،000ރ. (ތިން ހާސް ރުފިޔާ)
މި މުބާރާތުގައި ބައިވެރިވާން
އެދޭ ފަރާތްތަކުން މުބާރާތުގެ ގަވާއިދާ އެއްގޮތަށް ވީޑިއޯ ތައްޔާރުކުރުމަށް ފަހު، އޮކްޓޫބަރު
29، 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފައިނަލް ވީޑިއޯ ހުޅުދޫ
ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.