އައްޑޫ ޑިޖިޓަލް ހަބް ގާއިމުކުރަން ހަވާލުކުރި އަގު ހާމައެއް ނުކުރި

އައްޑޫ ޑިޖިޓަލް ހަބް ގާއިމުކުރަން ހަވާލުކުރި އަގު ހާމައެއް ނުކުރި

އައްޑޫ ޑިޖިޓަލް ހަބް ގާއިމުކުރުމަށް އޮކްސިކާއާ ހަވާލުކުރި އަގު ހާމަކުރުމަށް ދެކޮޅު ހަދައިފިއެވެ.

މި މަޝްރޫއު ހަވާލުކުރި އަގާ ގުޅޭ ގޮތުން ފާއިތުވި އަންގާރަ ދުވަހު، އައްޑޫ ޕްލަސްއިން ކައުންސިލްގެ މީޑިޔާ އޮފިޝަލް އަށް މައުލޫމާތު ހޯދުމަށް އެދި ސުވާލު ފޮނުވިފައިވާނެއެވެ. އެހެން ނަމަވެސް މިޚަބަރު ޝާއިއުކުރުމާޢި ހަމައަށް ކައުންސިލުން އެ މައުލޫމާތު ދީފައި ނުވެއެވެ.

ކައުންސިލުން މި މައުލޫމާތު ހާމަކޮށްފައި ނުވާއިރު، މައުލޫމާތު ހާމަނުކުރި ސަބަބެއް ވެސް ހިއްސާކޮށްފައި ނުވެއެވެ.

 ކައުންސިލުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެ ސިޓީގައި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ގާއިމުކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުންނަށާއި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި ވެސް ޑިޖިޓަލް ވަސީލަތްތައް ކުރިއެރުވުމަށް ވަނީ ހިމަނާފައެވެ.

ޑިޖިޓަލް ހަބް ގާއިމްކުރުމުގެ އަގު ހާމަކޮށްފައި ނުވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް ފުލުހުންވެސް ދަނީ ތަހުގީގުކުރަމުންނެވެ. މީގެ ކުރިން ޖުލައި 13 ގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށްފަހު، އޭގައި ފާހަގަކޮށްފައިވާ މައްސަލަތައް ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ފާސްކޮށްފައިވެއެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވެސް ވަނީ ބުނެފައެވެ.


އައްޑޫ ސިޓީ ކައުންސިލް، އައްޑޫ ސިޓީ،
ކޮމެންޓް 0