ޒުވާން ދަނޑުވެރިޔާގެ ރެކޯޑެއް؛ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮފީ ގަސް ހައްދައިފި
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންދި ކޮފީ ގަސްތަކުގައި ކާމިޔާބުކަމާއެކު މޭވާ އަޅައިފިއެވެ. މި ގަސްތައް ހައްދާފައި ވަނީ އައްޑޫ ސިޓީ މީދޫގައި ގާއިމްކޮށްފައިވާ ފްރެޝް ޔީލްޑް ފާމްގައެވެ.
ފްރެޝް ޔީލްޑް ފާމްގެ ވެރިފަރާތް، ޢަބްދުﷲ ރަމްޒީ (ޒުވާން ދަނޑުވެރިޔާ) ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ފަހާއި މޫސުމުގައި ކޮފީ ހެއްދުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ނަމަވެސް، ގަސްތަކުގައި ފެހި ކުލައިގެ ކޮފީ މޭވާ އަޅާފައި ހުރި ތަން ފެނުމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނިއްޖެކަމަށެވެ.
މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރަމްޒީ ވަނީ ސިފަކޮށްފައެވެ.
އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވާ ރަމްޒީ ވަނީ މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ ފުރުސަތެއްގައި 2012 ވަނަ އަހަރު ޖަޕާނުގެ ޓޯކިއޯއިން ކޮލިޓީ އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފް ފާމް ޕްރޮޑަކްޓްސް ކޯހެއް ވެސް ފުރިހަމަކޮށްފައެވެ. ރަމްޒީ އެ ދަނޑުގައި ޑްރެގަން ފުރުޓާއި، ޖުމްހޫރީ މޭވާއާއި، ފޭރާއި، ކިއުކަންބާގެ އިތުރުން މޭބިސްކަދުރު ވެސް ހައްދައެވެ.
ކޮފީ ހެއްދުމުގެ ޚިޔާލު ގެންގުޅޭކަން މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި 2022 ވަނަ އަހަރު ރަމްޒީ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އޭރު އޭނާ ބުނެފައިވަނީ، ކޮފީ ހެއްދޭތޯ އެކްސްޕެރިމެންޓެއް ކުރަމުން ގެންދާ ކަމަށެވެ. އެހެންކަމުން އަހަރުތަކެއް ވަންދެން އޭނާ ކުރި ބުރަ މަސައްކަތުން މިވަނީ ރާއްޖޭގައި ކޮފީ ހެއްދޭނެކަން ސާބިތުކޮށްދީފައެވެ.