އިންޑިޔާ އާއި ބަލާއިރު ރާއްޖޭގެ މެންބަރުންގެ އިނާޔަތްތައް މަދު: އައިބީ
މެންބަރުންނާއި އާންމު ރައްޔިތުންނަށް އެއް އިންޝުއަރެންސް ޕެކޭޖެއް ހަމަޖެއްސުމަކީ މައްސަލައެއް ނޫން ކަމަށް އައިބީ ވިދާޅުވި.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނާ ދެކޮޅަށް، މެންބަރުންގެ އިންޝުއަރެންސް ދިފާއުކުރައްވައި ފާއިތުވި ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފޭދޫ މެންބަރު އައިބީ ވަނީ ވާހަކަ ދައްކަވާފައެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހަޅައި، 7،225 މީހުން ސޮއިކޮށްފައިވާ މި އީ-ޕެޓިޝަން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ޕެޓިޝަން ކޮމިޓީން ފާސްކުރީ އޮކްޓޫބަރު 8 ގައެވެ. މި ބަހުސްގައި ވާހަކަދައްކަވަމުން އައިބީ ވަނީ ވަރަށް ތަފްސީލްކޮށް، މެންބަރުންގެ އިންޝުއަރެންސް ޕެކޭޖާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ޚާއްސަ ގޮތެއްގައި އައިބީ ވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާގައި މަޖިލިސް މެންބަރުންގެ އިނާޔަތްތަކާއި ރާޢްޖޭގެ މެންބަރުންގެ އިނާޔަތްތަކުގެ ފަރަޤު ފާހަގަކުރައްވާފައެވެ.
އެގޮތުން އައިބީ ވިދާޅުވެފައި ވަނީ އަވަށްޓެރި އިންޑިއާގެ މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކާއި ރާއްޖޭގެ މެންބަރުންނަށް ލިބޭ އެއްޗަކާ ވަރަށް ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގައި މެންބަރަކަށް މުސާރައިގެ ޕެކޭޖެއްގެ ގޮތުގައި 1 ލައްކަ ސައުވީހާސް ރުޕީސް ލިބޭއިރު، އޮފީސް އެލަވަންސަށް 75،000 ރުޕީސް އަދި ދާއިރާ އެލަވަންސަށް އިތުރު 87 ހާސް ރުޕީސްގެ އިތުރުން ޑެއިލީ އެލަވަންސާއި އަހަރަކު ހިލޭ 34 ޑޮމެސްޓިކް ޓިކެޓު ލިބޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މެންބަރުންނަށް ހަމައެކަނި މުސާރަ އޮންނައިރު، އޮފީސް އެލަވަންސާއި ދާއިރާ އެލަވަންސް ނުލިބޭ ކަމަށާއި، ދާއިރާއަށް ދަތުރުކުރައްވަނީ އަމިއްލަ ޓިކެޓުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އާސަންދައާއި މެންބަރުންގެ އިންޝުއަރެންސްގެ ހަރަދުތަކަށް އަލިއަޅުއްވާލައްވަމުން އައިބީ ވިދާޅުވީ، މެންބަރެއްގެ އިންޝުއަރެންސަށް އަހަރަކު ކަނޑައަޅާފައި އޮންނަނީ 24،000 ރުފިޔާ ކަމަށާއި، ގިނަ ފަހަރު އެ އަދަދު ބޭނުން ނުކުރެވި ދައުލަތުގެ ބަޖެޓަށް އަނބުރާ ވަންނަ ކަމަށެވެ. މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރައްވަނީ އަމިއްލަ ހަރަދުގައި ކަން ފާހަގަކުރައްވައި، އާސަންދައިގެ ދަށުން އާންމު ރައްޔިތުން ބަލިވުމުން 1 ލައްކަ ރުފިޔާ ހަރަދުކޮށްގެން އެއާ އެމްބިއުލާންސްގައި އުފުލާ ކަމަށާއި، ބައެއް އެކްސިޑެންޓުތަކުގައި މީހުން ބޭރަށް ފޮނުވައިގެން 6 މިލިއަން ނުވަތަ 7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ހުރި ކަމަށް ވިދާޅުވިއެވެ.
އަދި އާސަންދައިން އެހީތެރިންނަށް ޓިކެޓު ދިނުމުގެ އިތުރުން، އެންސްޕާ މެދުވެރިކޮށް ހުރުމާއި ކެއުމުގެ އެހީ ދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ގަބޫލުނަމަ ހުރިހާ ރައްޔިތުން އާސަންދައިން ވަކިކޮށް، މެންބަރުންނާއި ރައްޔިތުންނަށް އެއް އިންޝުއަރެންސް ޕެކޭޖެއް ހަމަޖެއްސުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، މެންބަރުންގެ އިންޝުއަރެންސަކީ މި ދައުރުގައި ނުވަތަ ކުރީ ދައުރުގައި ފެށި ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނެއްގެ ތެރެއިން ދައުލަތުގެ އެކި މުއައްސަސާތަކަށް ތައާރަފުކުރި ނިޒާމެއް ކަމަށެވެ. ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން ކުންފުނިތަކުގެ މުވައްޒަފުންނާއި ބިދޭސީ މަސައްކަތްތެރިންނަށްވެސް އިންޝުއަރެންސް އޮންނަކަން ފާހަގަކުރައްވައި، އެހެން ބައެއް ފަރާތްތަކާ ހިލާފަށް މެންބަރުންގެ މައިންބަފައިންނަށް އިންޝުއަރެންސް ނުލިބޭ ކަމަށާއި މި ޕެޓިޝަނަކީ މެންބަރުންގެ އަގުވައްޓާލައި ފިތުނަ އުފެއްދުމަށް ވައްދައިގެން އުޅޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.