އީގަލް ހިލްސް އާއި ގުޅޭ ވާހަކަ ނުދައްކަނީ އެއްޗެއް ބޭނުން ނުވާތީ: ރޮޒެއިނާ
އީގަލް ހިލްސް އަށް ރަސްމާލޭގައި މަޝްރޫޢެއް ހިންގަން ހަވާލުކޮށްފައިވާ މައްސަލައިގައި ވާހަކަ ނުދައްކަވާ ސަބަބު އައްޑޫ މީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ސާފުކޮށްދެއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ މިވާހަކަތައް ހިއްސާކުރެއްވީ، އެކްސް ޕްލެޓްފޯމްގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކުން ކުރި ޕޯސްޓަކަށް ދެއްވި ރައްދެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ރަސްމާލޭގައި ފާމަސީއާއި ކްލިނިކް ފަދަ ހިދުމަތްތައް ތަރައްގީކުރާނެ ފަރާތްތައް އީގަލް ހިލްސްއިން ހޯދާއިރު ރޮޒައިނާއަށް ވިޔަފާރީގެ ރަނގަޅު ފުރުސަތުތަކެއް ލިބޭނެ ކަމަށާއި، އެ ކުންފުންޏާ ދެކޮޅަށް ރޮޒައިނާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ، އެކަމާ ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިވަގުތު އީގަލް ހިލްސް މައްސަލަ އާއި ގުޅިގެން ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަންކަން އެ ޕާޓީގެ ފަރާތުން ކޮށްފައިވާ ކަމަށެވެ. އަދި އީގަލް ހިލްސްއިން އެއްވެސް ކަމެއް ބޭނުންވެގެން ނޫޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަޝްރޫއުގެ މައުލޫމާތު އެނގިވަޑައިގަތުމުން އާންމުކޮށް ވިދާޅުވާންޖެހޭ އެއްޗެއް ވިދާޅުވާނެ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް އެ މައުލޫމާތު ހިއްސާކުރުމަށް އެމްޑީޕީން ގޮވާލާފައިވާ ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ ސެޕްޓެންބަރު 21 ގައެވެ. އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.