ރާއްޖޭގެ "ނޭޝަނަލް އިކޯސިސްޓަމް މެޕިންގް" ދައްކާލައިފި

އަރުމޭނިއާގައި ކުރިއަށްދާ ކޮޕް17ގެ ތެރެއިން.
އަރުމޭނިއާގައި ކުރިއަށްދާ ކޮޕް17ގެ ތެރެއިން.

އަރުމޭނިއާގެ ޔެރެވާންގައި މިހާރު ކުރިއަށްދާ ޑައިވަރސިޓީއާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން (ސީބީޑީ ކޮޕް17) ގައި ދިވެހިރާއްޖޭގެ ގައުމީ އިކޯސިސްޓަމް ޗާޓު ނުވަތަ "ނޭޝަނަލް އިކޯސިސްޓަމް މެޕިންގް" ދައްކާލައިފިއެވެ.

މި މަސައްކަތް ރާއްޖެއިން ހުށަހަޅާފައިވަނީ މިއަދު ބޭއްވުނު "މޯލްޑިވްސް ނޭޝަނަލް އެކްސެލެރޭޓަރ: ފްރޮމް އިކޯސިސްޓަމް ޑޭޓާ ޓު ކަންޓްރީ އެކްޝަން" ސެޝަންގައެވެ. 

މިއީ "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް" ގެ ފުރަތަމަ ޤައުމީ އެކްސެލެރޭޓަރގެ ގޮތުގައި ރާއްޖެއިން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް، ރިފްޢަތު ނަޢީމް ވިދާޅުވީ، ގައުމީ ފެންވަރުގައި އެއްކުރެވޭ އިކޯސިސްޓަމްގެ މަޢުލޫމާތުތަކުގެ ސަބަބުން ތިމާވެށި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. 

އަދި މި މައުލޫމާތުގެ އެހީގައި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރުމަށާއި، ޖާގަ ބޭނުންކުރުމުގެ ޕްލޭން (ސްޕޭޝަލް ޕްލޭނިންގ) އެކުލަވާލުމުގެ އިތުރުން ތިމާވެށީގެ ގޮތުން ނާޒުކު ސަރަޙައްދުތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީގެ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް، އަޙްމަދު ޝާން ވަނީ މި ޗާޓު އެކުލަވާލުމުގައި ގައުމީ ފެންވަރުގެ މާހިރުން ބައިވެރިވި ގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. 

އެގޮތުން ވޯކްޝޮޕްތަކާއި، ސީދާ މައިދާނަށް ނުކުމެ މައުލޫމާތު ކަށަވަރުކުރުމާއި، އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރެވުނު މަސައްކަތްތަކުން ޗާޓު ފުރިހަމަކުރެވުނު ގޮތް އޭނާ ބަޔާންކުރެއްވިއެވެ. 

އަދި މި މަސައްކަތުގައި ރާއްޖޭގެ ލޯކަލް މައުލޫމާތުތަކުގެ އިތުރުން "އާތު އޮބްޒަވޭޝަން" އާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްފައިވާކަން ޝާން ފާހަގަކުރެއްވިއެވެ.

މި ޗާޓަކީ ގައުމީ ބޭސްލައިނެއްގެ ގޮތުގައި އެންމެންނަށްވެސް ބޭނުންކުރެވޭނެހެން އާންމުކޮށް ހުޅުވާލެވިގެންދާނެ އެއްޗެކެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް ރާއްޖޭގެ ކަނޑުގެ މާހައުލުތަކާއި ފަރުތަކުގެ އިކޯސިސްޓަމްތައް ހިމެނޭހެން ފުޅާކުރުމަކީ ރާއްޖޭގެ އަމާޒެއް ކަމަށް މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް 0