ބަނގުރަލާއެކު މަރަދޫ މީހަކު ހައްޔަރުކޮށްފި
އޭނާގެ އަތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއެއް ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތަށް ވަނީ އިންކާރުކޮށްފައި
ބަނގުރަލާއެކު ހައްޔަރުކުރި ސ. މަރަދޫ މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަރަދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެރިރަށް މާލެއިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވާ ގޮތުގައި، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭނާގެ އަތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއެއް ވަނީ ފެނިފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެ ފުޅިއާއެކުގައެވެ.
ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއެއް އޭނާގެ އަތުން ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. މާލެއިން ހައްޔަރުކުރި މަރަދޫއަށް ނިސްބަތްވާ މި މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ. ކޯޓުގެ އަމުރާއެކު އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.