އދ.ގެ ސެކްރެޓަރީ ޖެނެރަލަކަށް ލާނާ ނުސައިބާއަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި

އދ.ގެ އެންމެ އިސް މަގާމަށް އަންހެން ބޭފުޅަކު އަންނަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ރާއްޖެއިން ގަބޫލުކުރޭ

ލާނާ ޒަކީ ނުސައިބާ. ފޮޓޯ: އޭޕީ
ލާނާ ޒަކީ ނުސައިބާ. ފޮޓޯ: އޭޕީ

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔޫއޭއީއިން ހުށަހަޅާފައިވާ ލާނާ ޒަކީ ނުސައިބާގެ ނަންފުޅަށް މަރުހަބާ ކިޔައި، އެ ކަމަނާގެ ކެންޑިޑެސީއަށް ދިވެހި ސަރުކާރުން ތާއީދުކޮށްފިއެވެ. 

އދ.ގައި ހުންނަވާ ޔޫއޭއީގެ ދާއިމީ މަންދޫބުކަން 2013އިން 2024އަށް ކުރެއްވި ލާނާ ނުސައިބާގެ ނަންފުޅު އެ ގައުމުން ރަސްމީކޮށް ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

ދިވެހި ސަރުކާރުން ބުނި ގޮތުގައި، އދ.ގެ އެންމެ އިސްވެރިޔާގެ މަގާމާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރެއެވެ. 

އަދި ސަފީރު ލާނާ ނުސައިބާގެ ކެންޑިޑެސީ ހުށަހެޅިގެން މިދިޔައީ، އުސޫލުތަކުގައި ހިފަހައްޓަވާ ލީޑަރޝިޕަކާއި، ހަރުދަނާ ނިންމުންތައް ނިންމެވުމުގެ ގާބިލުކަމާއި، މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރާއި އެއްބަސްވުން ގާއިމުކުރުމުގެ މުހިންމުކަން އެ ޖަމިއްޔާއަށް ކުރިއަށް ވުރެ ބޮޑުވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ކަމަށް ވެސް ސަރުކާރުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ދެން އައްޔަންކުރެވޭ ސެކްރެޓަރީ ޖެނެރަލަކީ އިންސާނީ ކަރާމާތާއި އަދުލުއިންސާފާއި ބައިނަލްއަގުވާމީ ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމުގެ މައްޗަށް ބިނާކޮށް، އދ.ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓެވުމުގައި ސާބިތުވެ ހުންނަވާ ބޭފުޅަކަށް ވާންޖެހޭ ކަމަށް ދިވެހިރާއްޖެއިން ދެކެއެވެ. އަދި ސުލްހަޔާއި ރައްކާތެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ އެ ޖަމިއްޔާގެ އެންމެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ދެމިއޮންނަންޖެހޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އެންމެން ހިއްސާވާ މުސްތަގުބަލެއް ބައްޓަންކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށްވެސް ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ އިތުބާރު ހުރި، ނަތީޖާ ނެރެދޭ އަދި އެންމެން ޝާމިލުވާ އދ.އެއް އޮތުމަށް ރާއްޖެއިން ހާއްސަ އިސްކަމެއް ދޭ ކަމަށް ސަރުކާރުން ބުންޏެވެ. 

ހަމައެއާއެކު، ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާއަކީ ދެފުށް ފެންނަ، އެންމެން ބައިވެރިވާ އަދި ގާބިލުކަމަށް ބަލައިގެން ކުރިއަށްގެންދާ މަރުހަލާއަކަށް ވުމުގެ މުހިންމުކަން ފާހަގަކޮށް، އދ. އިތުރަށް ހަރުދަނާކޮށް އެންމެހައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް 0