މަސްވެރިންގެ ދުވަސް ފާހަގަކުރަން ބަހުސް މުބާރާތެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބާއްވައި ހާއްސަ ހަތަރު އެވޯޑެއް ދިނުމަށް ވަނީ ހަމަޖައްސާފައި

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގައި ބޭއްވި ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގައި ބޭއްވި ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 3 އިން 7 އަށެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މިއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އޮންލައިން ފޯމާއި، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް އަންނަ މަހުގެ 5 ވާ ބުރަސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.

މި މުބާރާތުގެ އުސޫލާއި ގަވާއިދު މަސްވެރިކަމާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3339223 ނުވަތަ 3339272 އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރު ފާހަގަކުރަނީ ރާއްޖޭގެ 46 ވަނަ މަސްވެރިންގެ ދުވަހެވެ. 

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މަސްވެރީންގެ ދުވަސްފިޝަރީޒް މިނިސްޓްރީމަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާމަސްވެރިކަމާ ބެހޭ ވުޒާރާބަހުސް މުބާރާތް
ކޮމެންޓް 0