ނަޝީދުގެ ޚިޔާލާއި އެކު ހުޅުދޫ ކައުންސިލުން ރެޒިޑެންސީ ޕްރޮގްރާމެއް ފަށަނީ
އިގުތިސާދީ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް ބުނެ ގަރާރެއް ވަނީ ފާސްކޮށްފައި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލާއި އެއްގޮތަށް، 99 އަހަރަށް ހުޅުދޫގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގަރާރެއް ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
99 އަހަރަށް ހުޅުދޫގެ ބިންތައް ދޫކުރުމަށް ނަޝީދު ހުޅުދޫ ކައުންސިލަށް ޚިޔާލު ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.
މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކު ފާސްކުރި މި ގަރާރުގެ ދަށުން، މި މަޝްރޫއަށް ކަނޑައަޅާ ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އާންމުކޮށް އިއުލާނުކޮށްގެން، އިވެލުއޭޝަންގައި އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށް އެވޯޑުކުރާ ގޮތަށެވެ.
ކައުންސިލަށް މި މައްސަލަ ހުށަހެޅުއްވީ ކައުންސިލްގެ ނައިބު ރައީސް އާމިނަތު މިލްހާ އަލީއެވެ. އާމިނަތު މިލްހާ އަލީ ވިދާޅުވީ، މި ގަރާރު ހުށަހެޅުއްވީ ރަށުގެ އިގުތިސާދީ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.
މި ގަރާރު ކައުންސިލުން ފާސްކުރި ނަމަވެސް، ބިންތައް ދޫކުރާނެ ވަކި ސަރަހައްދެއް ކަނޑައަޅާނީ ފަހުންނެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލް މެންބަރު ހުސައިން އަލީ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ދޫކުރުމަށް ވިސްނާފައިވަނީ 5،000 އަކަފޫޓާއި 3،000 އަކަފޫޓުގެ 50 ސްލޮޓް ކަމަށެވެ.
މި ގަރާރު ފާސްކުރި ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޖާދުﷲ އާއި ނައިބު ރައީސް އާމިނަތު މިލްހާ އަލީގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ ހުސައިން އަލީ، މުހައްމަދު ދީދީ އަދި ސައާދާ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި މެންބަރު ސައާދާ ހަސަން ވަނީ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ގެންދަނީ އިޖުރާއަތާ ހިލާފަށް ކަމަށް ވިދާޅުވެ އެކަން ފާހަގަކުރައްވާފައެވެ.
ނަޝީދުގެ ޚިޔާލާއި އެއްގޮތަށް ހުޅުދޫ ކައުންސިލުން ރެޒިޑެންސީ ޕްރޮގްރާމެއް އިއުލާންކުރި އިރު، ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅަށް ނުނުކުމެ، އެ މަޝްރޫއާ ގުޅޭ ގޮތުން މާ ގިނަ ވާހަކަ ނުދެއްކުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.