ލިންކް ރޯޑުގެ ސާވޭގެ މަސައްކަތް ރޯޓައިމްއިން ފަށައިފި
އެއްކޮށްހެން ސުންނާފަތިވެފައިވާ އެ މަގުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައި.
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭ ސާވޭގެ މަސައްކަތް، އެ މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާގެ ރޯޓައިމް ކުންފުނިން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯޓައިމް އިންޖިނިއަރިންގެ ބައެއް މުވައްޒަފުން އައްޑޫ ސިޓީގައި ތިބެ، ލިންކް ރޯޑާ ގުޅޭ ސާވޭތައް ދަނީ ހަދަމުންނެވެ. އެ މަސައްކަތުގެ ޓައިމްލައިނެއް އެކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް އައްޑޫގައި ރޯޓައިްމ ކުންފުނީގެ މުވައްޒަފުން ތިބިކަން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ މުވައްޒަފުން ކުރަމުން ގެންދަނީ ޕްރީ އެސަސްމެންޓެއްގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަގުގެ މަސައްކަތާ ގުޅޭ ގޮތުން އައްޑޫޕްލަސްއަށް ވާހަކަދެއްކެވި ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، “ވަރަށް އަވަހަށް ރޯޓައިމްއިން އަމަލީ ގޮތުން މަސައްކަތް ފަށާނެ” ކަމަށެވެ.
އައްޑޫ ސިޓީގެ ލިންކް ރޯޑު ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. އެހެންވެ އެމަގުން ދުއްވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.
އެންމެ ފުރަތަމަ އައްޑޫ ސިޓީ ލިންކް ރޯޑުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. ނަމަވެސް އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރި ނަމަވެސް، އާރްޑީސީން އެ މަސައްކަތް އެއްވެސް މިންވަރަކަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ.