އާސަންދަ އޮތަސް ބޭހަށް ސަލާންޖަހާ މީހުން މިހާރު މާ ގިނަ: އައިބީ
އާސަންދައާއި އެންސްޕާ އޮތް ނަމަވެސް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެ، ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވި
އާސަންދަ އޮންނައިރުވެސް ބޭހަށް ސަލާންޖަހާ މީހުން މިހާރު މާ ގިނަ ކަމަށާއި، އާސަންދައާއި އެންސްޕާ އޮތް ނަމަވެސް އެ ވާހަކަދައްކާ ބޭފުޅުން ދައްކަވަނީ ހިދުމަތެއް ނުލިބޭ ކަމުގެ ވާހަކަ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ ޓެކްސް ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހަށް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ޓެކްސް ނިޒާމަށް އިސްލާހު ގެނައުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާހިމްދީދީ ވިދާޅުވީ، އެއްވެސް ކަމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެހެންކަމުން ކަންކަމަށް އިސްލާހު އަންނަން ޖެހޭނެ ކަމަށެވެ. އަދި ދުނިޔެ ދެމިއޮތްހާ ދުވަހަކު އިސްލާހުކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި، އެއީ ނިމުމެއް އޮތް ކަމަކަށް ނުވާތީ އެންމެންވެސް އިސްލާހުވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހިމްދީދީ މި ވާހަކަ ދެއްކެވީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި، ޓެކްސް ނިޒާމު ތައާރަފުކޮށް އާސަންދަ ގެނައީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވާ ވާހަކައަށް ރައްދުދެއްވަމުންނެވެ. އެގޮތުން، ކުރިން ޓެކްސްގެ ފައިސާއިން ލިބޭ އާމްދަނީން ނުދަރައި ރައްޔިތުންނަށް ހިދުމަތް ދެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.