އައްޑޫ ޒުވާނުން ރުޅިގަދަވެ، ލިންކް ރޯޑް މައްސަލައިގައި މުޒާހަރާކުރަން ނިންމައިފި

ބެރިކޭޑް ނަމުގައި ހުކުރު ދުވަހު ބާއްވާ މި މުޒާހަރާއަށް 'މަބެނީ ތޯކޮބާ' ޕޭޖުން ވަނީ އިއުލާންކޮށްފައި.

އައްޑޫ ޒުވާނުން ރުޅިގަދަވެ، ލިންކް ރޯޑް މައްސަލައިގައި މުޒާހަރާކުރަން ނިންމައިފި

އައްޑޫގެ ޒުވާނުންތަކެއް ލިންކްރޯޑްގެ މައްސަލައިގައި މުޒާހަރާކުރާނެ ކަން އިއުލާންކޮށްފިއެވެ. 

ޒުވާނުން އައްޑޫ ލިންކް ރޯޑުގެ މައްސަލައިގައި މުޒާހަރާކުރަން ނިންމައިފި ކަމަށް ފޭސްބުކްގައި ހިންގާ “މަބެނީ ތޯކޮބާ” ޕޭޖުގައި ވަނީ އިއުލާންކޮށްފައެވެ. އެ ޕޭޖުން މި މުޒާހަރާއަށް އިއުލާންކޮށްފައިވާއިރު، އައްޑޫގެ ގިނަ ޒުވާނުން ގެންދަނީ އައްޑޫ ލިންކް ރޯޑުގެ މައްސަލައިގައި ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

“މަބެނީ ތޯކޮބާ” ޕޭޖަކީ އައްޑޫވަންތަ އަދި އައްޑޫ ބަހުރުވައިން އެކި ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރާ ގްރޫޕެކެވެ. އައްޑޫވަންތަ އަދި އައްޑޫ ބަހުރުވައިން އައްޑޫގެ އާއްމު ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ރިޕޯޓްކުރެއެވެ. 

އެ ޕޭޖުން އިއުލާންކޮށްފައިވާ ގޮތުގައި، “ބެރިކޭޑް”ގެ ނަމުގައި މި މުޒާހަރާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު (30 ވަނަ ދުވަހު) އެވެ. ނަމަވެސް، މި މުޒާހަރާ ބާއްވާނެ ވަކި ތަނެއް އެ ޕޭޖުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މުޒާހަރާކުރަން ޒުވާނުންތަކެއް ނިންމިއިރު، އައްޑޫ ލިންކް ރޯޑު މިހާރު އޮތީ ސުންނާފަތިވެފައެވެ. އަދި އެ މަގުގައި ތާރަށް ވުރެ ހުރި ވަޅުގަނޑުތައް ގިނަވެ، އެކަން ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

ކޮމެންޓް 1
އައްޑޫ ކުއްޖާ5 ދުވަސް ކުރިން

ރަނގަޅު ނިންމުމެއް. ކޮންމެވެސް ބަޔަކު ކުރަން ޖެހިފައި އޮތް ކަމެއް