މެންބަރުންގެ އިންޝުއަރެންސް ކަނޑައިލުމަށް ހުށަހެޅި ޕެޓިޝަން ބަލައިގަންނަންޖެހޭ: އަޒާން
މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނުން ރައްޔިތުންގެ ކަންބޮޑުވުން ހާމަވާ ކަމަށާއި އެކަން ބަލައިގަންނަންޖެހޭ ކަމަށް ވިދާޅުވި.
ރައްޔިތުްނގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ހުށަހެޅި ޕެޓިޝަން ބަލައިގަންނަންޖެހޭ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ ބަޖެޓުން ދޭ ހެލްތު އިންޝުއަރެންސްގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާޢި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
މިއަދު މާލިއްޔަތު ކޮމިޓީގައި އަޒާން ވިދާޅުވީ، މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނުން ރައްޔިތުންގެ ކަންބޮޑުވުން ހާމަވާ ކަމަށާއި އެކަން ބަލައިގަންނަންޖެހޭ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒާން ވަނީ، ދައުލަތުން ޚަރަދުކުރާ އިންޝުއަރެންސް ލިބެނީ ހަމައެކަނި މަޖިލިސް މެންބަރުންނަށް ނޫން ކަމަށާއި، ގާނޫނުތަކުގެ ދަށުން ވަޒީރުންގެ މަޖިލީހާއި، ސްޕްރީމް ކޯޓާއި ހައިކޯޓު އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޓެކްސް ޓްރައިބިއުނަލާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ވެސް އާސަންދައިގެ ބޭރުން އިންޝުއަރެންސް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ އާސަންދައިގެ ބޭރުން އިންޝުއަރެންސް ލިބޭ ދައުލަތުގެ އިދާރާތކުގެ ބޭފުޅުންގެ އާއިލާތަކަކީ ވެސް އާންމު ރައްޔިތުން ކަމަށް ވާއިރު، އާންމު ރައްޔިތުންގެ ތެރޭގައި ހުރިހާ އެންމެންނަށް ނުލިބޭ އަގުބޮޑު އިންޝުއަރެންސް ލިބޭ ބަޔަކު ތިބުމަކީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއްމު ރައްޔިތުންގެ ތެރޭގައިވެސް އެބަތިބި އެހެން އާއްމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު އިންޝުއަރެންސް ލިބޭ އާއްމު ރައްޔިތުން. އެހެންވީމާ، މިއީ ހަމަޖެހޭ އުސޫލަކަށް މިކަން އަޅުގަނޑުމެން ބަދަލުކުރަންޖެހޭ. އޭގެ ޙަޤީޤީ ޙައްލަކީ މި އާސަންދަ ސިސްޓަމް، މި ނިޒާމުވެސް އިޞްލާޙުކުރުން. ޕެޓިޝަންގައި މި ދަންނަވާފައި އެ އޮތް ބަދަލަކުން ޙަޤީޤީ ޙައްލެއް ނުލިބޭނެ. ޙަޤީޤީ ޙައްލަކަށް ވާނީ މި ހަމަހަމަ އުސޫލަކުން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބޭސްފަރުވާ ސަލާންނުޖަހައި، އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ގޮތް އަޅުގަނޑުމެން ހޯދައިދިނުން." އަޒާން ވިދާޅުވިއެވެ.