ހިތަދޫގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރަނީ
ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން
ސ. ހިތަދޫގައި ބޮޓްލިން ޕްލާންޓެއް ގާއިމްކުރަން ނިންމައިފިއެވެ.
އައިބީއެމްއިން މިހާރު ވަނީ އެތަން ޑިޒައިންކޮށް، އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ވެސް ކޮށްފައެވެ.އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އޮޕަރޭޝަންސް ސެންޓަރު އިމާރާތްކުރާ 10،439 އަކަފޫޓުގެ ބިމުގައި ކަމަށެވެ.
އަދި މި ބޮޓްލިން ޕްލާންޓުގެ އިމާރާތް ފަރުމާކޮށް ބިނާކުރަންޖެހޭނީ އައިބީއެމްއިން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ބިޑުގައި ރަޖިސްޓްރީވުމަށް އައިބީއެމްއިން ވަނީ އެދިފައެވެ.
އެގޮތުން ރަޖިސްޓްރީވުމަށްޓަކައި އިއުލާން ނަންބަރު ޖެހުމަށްފަހު އެ ކުންފުނީގެ ޕްރޮކިއުމަންޓް އީމެއިލް ކަމަށްވާ ޕްރޮކިއުމަންޓް އެޓް ތާޒާ ޑޮޓް ކޮމް ޑޮޓް އެމްވީއަށް މެއިލް ފޮނުވުމަށް އެ ކުންފުނިން އަންގާފައިވެއެވެ. ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އައިބީއެމްގެ މައި ކުންފުނި އެމްޑަބްލިއުއެސްސީގެ
މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަކީ ހިތަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.