އެރައިޒް މަޝްރޫއު: 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމުކުރުމަށް ސޮއިކޮށްފި
މިއީ ރާއްޖޭގައި މިހާތަނަށް ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުން
މޫސުމީ
ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ
ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ" (އެރައިޒް) މަޝްރޫއުގެ
ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމުކުރުމަށް ބޭނުންވާ ޕަވަރ ޕަރޗޭސް އެގްރީމަންޓް
(ޕީ.ޕީ.އޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.
މިއީ
ރާއްޖޭގައި މިހާތަނަށް ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުމެވެ.
ސިނަސޯ އާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރެއްވީ
ސިނަސޯގެ ކަންޓްރީ މެނޭޖަރ
ޗާއޮ ޝޯމިންގް އަދި ތިމާވެއްޓާބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
ސިނަސޯ
ހައިބްރިޑް ޓެކްނޮލޮޖީ އާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާ ދެމެދު ސޮއި ކުރެވުނު
ޕަވަރ ޕަރޗޭސް އެގްރީމަންޓްގައި ސޮއިކުރެއްވީ ޗާއޮ
ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.
މި މަޝްރޫއަކީ
އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް،
ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" (ޑީ.ބީ-ފޫޓް) މޮޑެލްގެ ދަށުން
20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިއީ ވާދަވެރި ބީލަން އުސޫލުން
ކުރިއަށްގެންގޮސް، އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށް ވާރލްޑް ބޭންކް
(އައިޑީއޭ)، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް)، އޭޝިއަން އިންފްރާސްޓްރަކްޗަރ
އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ
އޭޖެންސީ (މީގާ) ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު އެކުލަވާލެވިފައިވާ ހާއްސަ ރިސްކް
މިޓިގޭޝަން ފްރޭމްވަރކެއްގެ ދަށުން ހިންގޭ މަޝްރޫއެކެވެ.
މި 15 މެގަވޮޓްގެ
ސޯލާ މަޝްރޫއު ބެހިފައިވަނީ ދެ ލޮޓަކަށެވެ:
ލޮޓް
1: (ލ. އަތޮޅު ކްލަސްޓަރ - 2 މެގަވޮޓް): ލ. މާމެންދޫ (0.61 މެގަވޮޓް)، ލ. މާވަށް
(0.44 މެގަވޮޓް)، ލ. މާބައިދޫ (0.38 މެގަވޮޓް)، ލ. ހިތަދޫ (0.3 މެގަވޮޓް)، ލ. ކުނަހަންދޫ
(0.25 މެގަވޮޓް) އަދި ލ. ދަނބިދޫ (0.2 މެގަވޮޓް).
ލޮޓް
2: (ސަރަޙައްދީ ބޮޑެތި މަރުކަޒުތައް - 13 މެގަވޮޓް): ލ. ގަން (4 މެގަވޮޓް)، ލ.
ފޮނަދޫ (3 މެގަވޮޓް)، ޅ. ނައިފަރު (2.3 މެގަވޮޓް)، ގއ. ވިލިނގިލި (1.65 މެގަވޮޓް)،
ށ. ފުނަދޫ (1.25 މެގަވޮޓް)، ލ. އިސްދޫ (0.7 މެގަވޮޓް) އަދި ލ. ކަލައިދޫ (0.6 މެގަވޮޓް).
މި މަޝްރޫއާއެކު
އެރައިޒް އަދި އެސްޕަޔަރ މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު
34 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި
ގާއިމުކުރެވިފައިވާ ޖުމްލަ ރިނިއުބަލް އެނަރޖީ ކެޕޭސިޓީ (110 މެގަވޮޓް) ގެ 30 އިންސައްތައެވެ.
މި މަޝްރޫއުގެ
ސަބަބުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ
ބަޖެޓުން ހޭދަކުރާ ތެލުގެ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ
ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒަށް
ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.