ޖީއެސްޓީ ގާނޫނަށް އިސްލާހު ގެންނާތީ ކަންބޮޑުވާން ނުޖެހޭ: އައިބީ
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނާތީ އެއްވެސް މެންބަރަކު ކަންބޮޑުވާން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސްގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، ރާއްޖޭގައި މި ނިޒާމު ތައާރަފުކުރީ ދާދި ފަހުން ކަމަށާއި، ނަމަވެސް ދުނިޔޭގައި މި ނިޒާމު ހިނގާތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ.
ގައުމާއި ވިޔަފާރިތައް ތަރައްގީވަމުން އަންނަ ވަރަކަށް ހުރިހާ ގައުމެއްގައި ވެސް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުތަކަށް ބަދަލުތައް ގެންނަ ކަމަށް އައިބީ ފާހަގަކުރެއްވިއެވެ. އަދި އެ އިސްލާހުތައް ގެންނަނީ ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށާއި ދައުލަތުގެ ޓެކްސް ނިޒާމު ހަރުދަނާކުރުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ފަހަރު ގެންނަ އިސްލާހުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ބައެއް ޓުއާ އެޖެންސީތަކުގެ ވާހަކަ ހިމެނޭއިރު، އޮންލައިން ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ކުރިން ވާހަކަދެކެވުނު ނަމަވެސް، ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށްޓަކައި އެ ޓެކްސް މިހާރު ނުނަގާ ގޮތަށް ފަސްކޮށްލުމަށް ވާހަކަދެކެވިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތަކަށް ވެސް ލާބަޔާއި މަންފާ ލިބޭނެ ގޮތަކަށް ޓެކްސް ނެގުމަށް ކުރާ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މީގެ އިތުރުން، މި ބިލަށް ވާހަކަދައްކަވަމުން ބައެއް މެންބަރުން ރަސްމާލެ މަޝްރޫއުގެ ވާހަކަ ދައްކަވާކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ، ރަސްމާލެއަކީ ވެސް ވިޔަފާރިއެއް ކަމަށާއި އެއީ ދިވެހި ތާރީހުގައި މިހާތަނަށް ނުދެކޭ ވަރުގެ، ރާއްޖެއަށް އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އެހެންކަމުން، ޓެކްސް ގާނޫނުގެ ތެރޭގައި ވިޔަފާރިތައް ހިމެނޭ ނަމަ އެ އިންވެސްޓްމަންޓް ވެސް މި ގާނޫނުގެ ތެރެއަށް ފެތިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ބައެއް މެންބަރުން ރިފަރެންޑަމެއްގެ ވާހަކަ ދައްކަވާތީ އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ، ރިފަރެންޑަމަކަށް ދާންޖެހޭ މައްސަލަތަކާއި ކަންތައްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ކަމަށާއި، އެފަދަ ކަމެއް މިހާރު ރާއްޖޭގައި ހިނގާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.