އަދިވެސް ސަރުކާރު ފެންނަނީ އެލް ބޯޑު އަޅުވައިގެން އުޅޭ މަންޒަރު: ދީދީ
ޓެކްސް ނިޒާމަށް ބަދަލު ގެންނަނީ ޓްރަޔަލެއްގައި އުޅޭ އުސޫލުން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފި
ކަމާ ގުޅުންހުރި ފަރާތްތަކާއި އަސަރުކުރާ ފަރާތްތަކާ މަޝްވަރާ ނުކޮށް ޓެކްސް ގާނޫނުތަކަށް އިސްލާހު ގެންނަ މައްސަލައަށް
މަރަދޫ ދާއިރާގެ މެންބަރު ދީދީ ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ، ޓެކްސް ގާނޫނަށް މިފަދަ އިސްލާހެއް އަލުން ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ގުޅުންހުރި ފަރާތްތަކާ ވާހަކަދައްކައި، އެ ފަރާތްތަކުގެ ބައިވެރިވުން ހިމަނައިގެން އަދި އެކަން ތަންފީޒުކުރެވޭނެކަން ކަށަވަރުކޮށްގެން ކުރިން އެ ބަދަލުތައް ގެނެސްފައި ނުވުން ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު ދީދީ ވަނީ ސަރުކާރުން ޓެކްސްގެ ނިޒާމަށް ބަދަލުތައް ގެންނަ ގޮތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ދައުރުގެ ފަހު ހާފަށް އެޅިގެންދާއިރު ވެސް ފެންނަނީ އެލް ބޯޑު އަޅުވައިގެން ޓްރަޔަލެއްގައި އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެކްސްގެ ނިޒާމަށް ވެސް އިރުއިރުކޮޅާ ޓެސްޓުކޮށްލުމަށާއި ވާނުވާ ބަލައިލުމުގެ ގޮތުން އެކި ކަންތައްތައް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްސްގެ ގާނޫނުތަކަށް އިސްލާހު ގެންނައިރު ޓެކްސް ދައްކާ ފަރާތްތަކާ ވާހަކަދައްކައި، އޭގެ ސަބަބުން އެ ބަޔަކަށް ހުރި ފައިދާތަކާއި ދިމާވާ ތަކުލީފުތައް ދެނެގަނެ، އެ ކަންކަމަށް ވިސްނުމަށްފަހު ބަދަލުތައް ގެންނަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު ދީދީ ވިދާޅުވިއެވެ.
އެގޮތަށް އަމަލުކުރާ ނަމަ، އިރުއިރުކޮޅާ ނިންމުންތައް ބަދަލުކޮށް އުނބަށް ޖަހަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ވީހާ ވެސް ގިނަ ބަޔަކާ މަޝްވަރާކޮށްގެން ތަންފީޒުކުރެވޭނެ ފަދަ ގޮތަކަށް ޓެކްސް ގާނޫނަށް އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.