ކޮންމެ ޖަނަވަރީ މަހެއްގައި ދިރާސީ އަހަރު ފަށަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
އަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދިނުމަށް ލާޒިމުކުރާ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި އިއްވައިފި
ސްކޫލުތަކުގެ
ކިޔެވުން ކޮންމެ އަހަރަކުވެސް ފަށަންވާނީ ޖެނުއަރީ މަހުގައި ކަމަށް ކަނޑައެޅުމަށް ތައުލީމުގެ
ގާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި ބިލު ހުށަހަޅާފައިވަނީ ތައުލީމުގެ
ގާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް 23.1 ގެ ނަމުގައި އައު މާއްދާއެއް އިތުރުކުރުމަށެވެ.
އަލަށް އިތުރުކުރުމަށް
ހުށަހަޅާފައިވާ މި މާއްދާގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ދިރާސީ އަހަރާއި
އެ އަހަރުގެ ކަލަންޑަރު ތަރުތީބުކުރާނެ މައިގަނޑު ހަމަތަކެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް
ކިޔެވުމުގެ ކަލަންޑަރު ފެށޭ މަހަކީ އެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ވާންޖެހޭނެ
ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ
މަހު ކިޔެވުން ނުފެށިއްޖެ ހާލަތެއްގައިވެސް، ފެބުރުވަރީ މަސް ނިމުމުގެ ކުރިން ދިރާސީ
އަހަރުގެ ކިޔެވުން ފަށަންވާނެ ކަމަށް އެ ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން،
ދިރާސީ ކަލަންޑަރު ތައްޔާރުކުރުމުގައި ކޮންމެހެން ހިމަނަންޖެހޭ މުހިންމު ބައިތައްވެސް
މި މާއްދާގައި ތަފުސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ކިޔެވުން ފަށާނެ އަދި ނިމޭނެ
ތާރީހުތަކާއި، ކިޔަވައިދޭ ދުވަސްތަކާއި ކިޔަވައި ނުދޭ ދުވަސްތަކުގެ އިތުރުން ޕްރޮފެޝަނަލް
ޑިވެލޮޕްމަންޓް ދުވަސްތައް ހިމެނެއެވެ.
އަދި އިމްތިހާނުތައް
ތާވަލުކުރާ ދުވަސްވަރާއި، އައު ދަރިވަރުން ސްކޫލުތަކަށް ވައްދާ މުއްދަތާއި، ސްކޫލު
ބަދަލުކުރުމަށް ހަމަޖައްސާ ދުވަސްތަކާއި ޗުއްޓީ ދުވަސްތައްވެސް އެ ކަލަންޑަރުގައި ހިމަނަންޖެހެއެވެ.
ކިޔަވައިދޭ
ދުވަސްތަކުގެ އަދަދަށް ބަލާއިރު، ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީތައް ނުލައި،
ދިރާސީ އަހަރެއްގެ ތެރޭގައި އެންމެ މަދުވެގެން 195 ދުވަހު ކިޔަވައިދިނުމަށް ކަނޑައަޅަންވާނެ
ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު،
ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން، ޖެހިގެން އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު އެކުލަވާލައި
އާންމުކުރަންވާނެ ކަމަށްވެސް ތައުލީމުގެ ގާނޫނަށް ހުށަހެޅި މި އިސްލާހުގައި ވަނީ ހިމަނާފައެވެ.