ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ތިން މަސްދުވަހަށް އިތުރުކޮށްފި
އިތުރު ތިން މަސްދުވަހާއެކު ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ 28 ޖަނަވަރީ 2027
ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ދީފައިވާ މުއްދަތު އިތުރު ތިން މަސްދުވަހަށް އިތުރުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި ބަދަލާއެކު ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ 28 ޖަނަވަރީ 2027 ގެ ރޭގަނޑު 23:59 އެވެ.
މި މުއްދަތު އިތުރުކޮށްދީފައިވަނީ ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސް މަޖައްލާތަކަށެވެ.
އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ކުރިން ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު ހަމަވާން އޮތީ މާދަމާ، 28 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން ކޮމިޝަނުން ވަނީ އިތުރު ތިން މަސްދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމާފައެވެ.
ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް މި މުއްދަތު ކަނޑައަޅާފައިވަނީ ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު) ގެ ހަތްވަނަ ބާބަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދު ނަންބަރު 2026/R-27 (ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.