ތިލަމާލެ ބުރިޖުގެ މަސައްކަތުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ނިންމައިފި

ޑެކަށް ބޭނުންވާ ސެގްމަންޓްތަކުގެ 98.53 އިންސައްތަ ކާސްޓްކޮށް، ތަނބުތައް ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދަނީ.
ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދަނީ.

ތިލަމާލެ ބުރިޖު މަޝްރޫއުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ނިންމައިފިއެވެ. 

ބިނާރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މުޅި މި މަޝްރޫއަށް ބަލާއިރު ޖުމްލަ 80.32 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. 

އެ ވުޒާރާއިން ބުނީ، ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ތިލަމާލެ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށްޓަކައި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ 88 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. 

މީގެ އިތުރުން، ތިލަމާލެ ބުރިޖުގެ ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމަންޓްގެ ތެރެއިން 98.53 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ. ސެގްމަންޓްތައް ކާސްޓްކުރުމުގެ އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ގާއިމުކޮށްފައިވާ ބުރިޖު ސައިޓުގައި ކަމަށް އެ ވުޒާރާއިން ބުންޏެވެ. 

ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅާލުމުގެ މަސައްކަތް މި އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމައި، އެ ދެ ރަށް ގުޅާލުމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ. ބިނާރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ބުރިޖު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތެވެ. އަދި އެ ދެމެދުގެ އެންމެ ފަހު ސެގްމެންޓް އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅިފަޅު ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުގެ ދަށުން މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. މާލެއާއި ވިލިމާލެއާ ދެމެދު އަޅާފައިވަނީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ.

އަދި ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖެކެވެ. އެ ބުރިޖު ތިލަފުށިއާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށް ފަހުގައެވެ. މީގެ އިތުރުން، ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.

މުޅި މި މަޝްރޫއުގައި ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރެއެވެ. އެއީ ކަނޑު ހުރަސްކޮށް ހަދާ ތިން ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކެވެ. ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން، ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބުރިޖު ގުޅޭ ސަރަހައްދު ހިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. 

ސަރުކާރުން އަމާޒުހިފާފައިވަނީ އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް މުޅިން ނިންމުމަށެވެ. މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ތިލަމާލެ ބުރިޖުބިނާރާ ބެހޭ ވުޒާރާ
ކޮމެންޓް 0