ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފަށައިފި
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026، ފަށައިފިއެވެ.
މާލޭ ސިޓީގެ އިސްލާމީ މަރުކަޒުގައި މިއަދު ފެށި މި ކޮންފަރެންސަކީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން މި ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާޢީ އަދި އިގުތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
"އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި، އަރާ އިގުތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ އަލަށް ފާހަގަކުރެވޭ ނާޒުކު ހާލަތްތައް ދެނެގަތުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އަދި ޒަކާތް ހައްގުވާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުމެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އެއަށްފަހު، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އެސްއޭޕީ 2026-2028 ވަނީ އިފްތިތާހުކޮށްފައެވެ. އެސްއޭޕީ އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު އަމީޒާއެވެ. ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ކުރިއެރުވުމަށް އިސްކަންދޭނެ ދާއިރާތައް ބަޔާންކޮށްފައިވެއެވެ.
މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މި ރަސްމިއްޔާތަށް އެމަނިކުފާނުގެ ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. ވަޒީރު ފޮނުއްވި މެސެޖު އިއްވަވައިދެއްވީ އެސިސްޓެންޓް ޒަކާތު އޮފިސަރ އަލްފާޟިލާ ޢާޝިޔާ ޞާލިޙެވެ. ވަޒީރުގެ މެސެޖުގައި، ފަގީރުކަން ނައްތާލުމަށާއި އިޖުތިމާއީ ޢަދުލުވެރިކަން ގާއިމުކުރުމުގައި ޒަކާތުގެ ދައުރަށް އަލިއަޅުއްވާލައްވައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، ޖަވާބުދާރީވުމާއި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އިންޒެކް 2026 ގައި ތިން ސެޝަނެއް ހިމެނޭއިރު، ކޮންމެ ސެޝަނެއްގައިވެސް މައިގަނޑު ތަގުރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި މަޝްވަރާކުރެވޭ މައުޟޫއުތަކުގެ ތެރޭގައި، އާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ހާލަތްތަކުގައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މުހިންމުކަމާއި، އަދި ޒަކާތް ލިބޭ ފަރާތްތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމައަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތައް ހިމެނެއެވެ.
މި ކޮންފަރެންސް މެދުވެރިކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަގުވާމީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިކުރުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، އަދި ފަގީރުކަން ކުޑަކުރުމަށާއި، އިޖުތިމާއީ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް އަމަލީ ހައްލުތަކެއް ހޯދުމެވެ.