ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފުރާވަޑައިގެންފި
ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން (ޗޯގަމް 2026) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު އެންޓީގުއާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސަމިޓުގެ ހަވާސާގައި ކުރިއަށްދާ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މުހިންމު ބައެއް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ޗޯގަމް ސަމިޓަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ލީޑަރުން އެއްތަންވެ، ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ މުހިންމު ޕްލެޓްފޯމެކެވެ.
މީގެ އިތުރުން މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މޫސުމީ އަދި އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމުގެ ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ވިޔަފާރިއާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް މި ސަމިޓުގައި ހާއްސަ އިސްކަމެއް ދެވޭނެއެވެ.
"އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މެންބަރު ގައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ފަދަ ޝާމިލު އިގުތިސާދީ ކުރިއެރުމެއް ހޯދުމުގެ މައްޗަށެވެ.
މި ސަމިޓް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން 4 ގެ ނިޔަލަށެވެ.