"ރަޙިމުގެ ގުޅުން ކަނޑާލުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިިންވާ ކަމެއް، އެކަމުގެ ސަބަބުން ސުވަރުގެ ނުވަދެވޭނެ"
ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ އަދި ސުވަރުގެ ނުވަދެވޭނެ ފަދަ ނުރައްކާތެރި ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މަޢުޟޫއަށް ދިން ހުކުރު ޚުޠުބާގައި ބުނީ، އިސްލާމްދީނުގައި އެންމެ މުހިންމު އެއް ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން ބަދަލު ހިފުމުގެ ގޮތުން ކަމެއް ކޮށްދިނުމެއް ނޫން ކަމަށާއި، އެއީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ ޢުމުރުގައި ބަރަކާތްލައްވާނޭ މުހިންމު ސަބަބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
"މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރީން ތުއްތު ކުދީން ގެންގުޅެ ބޮޑުކުރާ އިރު، ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، އެ ކުދީންގެ މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. އެ ކުދީންގެ ތިމާގެ މީހުންނަކީ ކޮބައިކަން ބުނެދޭން ޖެހޭނެއެވެ. އެ ކުދީން ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮންބަޔަކާކަން އަންގައިދޭން ޖެހޭނެއެވެ." ޚުޠުބާގައި ބުންޏެވެ.
ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވެނީ ޢާއިލާތައް ވަރުގަދަވެގެން ކަމަށްވާއިރު، މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވުމުގެ މައިގަނޑު ސަބަބަކީ ދަރީން ތަރުބިޔަތުކުރެވޭ ގޮތް ކަމަށާއި، ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ނަމަވެސް، އެ ކުއްޖާގެ ބައްޓަން ބިނާވަނީ ލިބޭ ތަޢުލީމާއި ތަރުބިޔަތުގެ މައްޗަށްކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
"އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެއުލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭކަމެއްނޫނެވެ. ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހެއެވެ. ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބައަކަށްހެދުމަށް މަސައްކަތްކުރާން ޖެހޭނެއެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ." ޚުޠުބާގައި ބުންޏެވެ.
ޢާއިލީ ގުޅުން ބަދަހިކުރެވޭނީ ޤާބިލު ބަޔަކު ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށް، ދަރީންގެ ޙައްޤުތަކަށް ދެމަފިރިން ފުރިހަމައަށް ރައްކާތެރިވެގެން ކަމަށާއި، މައިންބަފައިންގެ މައިގަނޑު ވާޖިބަކީ ޅަފަތުގައި ދަރީންނަށް ރިވެތި އަދަބުތައް ދަސްކޮށްދީ، ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.